ހަބަރު

މާލޭ ސަރަހައްދުގައި އިތުރު 10 ސުކޫލު އަޅަނީ

Feb 11, 2019
19

އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 10 ސުކޫލް ގާއިމް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓް ރިޕޯޓްއެއް ހަދައި މިރޭ ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އަދި 10 ސްކޫލާއި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހުށަހެޅުމަށް މުހިޔުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ސުކޫލްތައް އަޅަން ނިންމާފައިވަނީ އެއްދަންފަޅިއަށް ބަދަލު ކުރަން ބޭނުންވާ ކުލާސް ރޫމްތަކާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ.

"މި ސްކޫލްތައް ފަރުމާ ކުރާނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެއްދަންފަޅިއަށް ހާއްސަ ސްކޫލްތައް ފަރުމާކުރާ ކޮންސެޕްޓަށް، މަސައްކަތް ކުރިއަށްގެންދާނީ ފަސް އަހަރަށް ބަހާލައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މި ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދެވޭނީ 800 އާއި 1000އާ ދެމެދުގެ ދަރިވަރުން އުޅެމުންދާ ސްކޫލްތަކުގައި އެވެ. ނަމަވެސް މާލޭގެ 13 ސްކޫލެއްގައި އެ އަދަދު 1500 އާއި 2000އާ ގާތްކުރާ ކަމަށް ރިޕޯޓްގައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ވަނީ، ސްކޫލްތަކުގައި އިތުރު އެހީގެ ނިޒާމުކުރާނެ ގޮތްތައް އެކުލަވާލާފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.