ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ފަހު އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 25 ވަނަ ދުވަހު ފަށަން ރައްޔިތުންގެ މަޖިލީހުގެ ރައިސް ނިންމައިވި އެވެ.
މަޖިލީހުން މިއަދު ބުނި ގޮތުން އެގޮތަށް ނިންމާފައިވަނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މިއަދު ޕާލިމެންޓް ގުރޫޕްތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށްފަހު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން އާއި އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއިި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީގެ އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަހުގެ 25 ވަނަ ދުވަހު ފެށޭނީ މި މަޖިލީހުގެ ފަހު ދައުރެވެ.
އާ ދައުރަށް މަޖިލިސް ހުޅުވާއިރު މުހިންމު ބިލްތަކެއް މަޖިލީހަށް ވަނީ ވައްދާފަ އެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާ ބިލާއި ގާނޫނުލްއުގޫބާތަށް ބަދަލުތަކެއް ގެންނަ ބިލް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އޭގެއިތުރުން ދެ މިނިސްޓަރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ގެންނަ އިސްލާހުގެ ބިލާއި ޕްރައިމަރީ ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ކުރެވޭ ގޮތް ހެދުމަށް ގެންނަ އިސްލާހުގެ ބިލް ވެސް އޮތީ މަޖިލީހަށް ހުށަހަޅާފަ އެވެ.