ޗެމްޕިއަންސް ލީގް

ފުރަތަމަ ބައްޔާއެކު ޔުނައިޓަޑަށް ފިލާވަޅު ދަސްވެއްޖެ

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޕީއެސްޖީ އަތުން، 2-0 ން މެންޗެސްޓާ ޔުނައިޓަޑް ވީ ބައްޔާއެކު، ޔުނައިޓަޑަށް ފިލާވަޅު ތަކެއް ދަސްވެއްޖެ ކަމަށް އެ ޓީމުގެ ވަގުތީ ކޯޗް، އޮލޭ ގަނާ ޝޮލްސަޔާ ބުނެފި އެވެ.

ޔުނައިޓަޑްގެ ކޯޗް ކަމުން، ހޯޒޭ މޮރީނިއޯ ވަކި ކުރުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހު 19 ގައި، ޔުނައިޓަޑްގެ ކޯޗް ކަމަށް ހަމަޖެއްސި ޝޮލްސަޔާގެ ކޯޗު ކަމުގެ ދަށުން، ރޭގެ މެޗާ ހަމައަށް އޭނާ ބަލިވެފަ އެއް ނުވެ އެވެ. ޕީއެސްޖީ އަތުންވީ ބައްޔަކީ އޭނާގެ ކޯޗު ކަމުގެ ދަށުން ޔުނައިޓަޑް ވީ ފުރަތަމަ ބައްޔެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ޝޮލްސަޔާ ބުނީ، މެޗުން ގިނަ ކަންކަމެއް ދަސްވެއްޖެ ކަމަށާއި، ޕީއެސްޖީގެ ލެވަލްއަށް ޔުނައިޓަޑް ދިއުމަށް ޓަކައި ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އަހަރެމެން ކުޅުނު ގޮތަށް ބަލާފައި (ޗެމްޕިއަންސް ލީގްގެ) މި ލެވަލަކީ އަހަރެމެންގެ ލެވަލެއް ނޫންކަން އެނގިގެން ދޭ، އަހަރެމެން މި މެޗާ ހަމައަށް އައީ ވަރަށް ރަނގަޅު ޓްރެކެއްގައި ކުރިއަށް ދަމުން، އެހެންނަމަވެސް މިއީ ވަރަށް ބޮޑު ހަރުފަތެއް،" ސްލްޝަޔާ ބުންޏެވެ.

"މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި އެ ޓީމު ހިމެނުމުގައި ރަނގަޅު ސަބަބުތަކެއް އެބަހުރި، އަހަރެމެންވެސް ޖެހޭ އެ ލެވަލަށް ދާން."

ޗެމްޕިއަންސް ލީގްގައި، ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި، މީގެކުރިން އެއް ލަނޑަށް ވުރެ އިތުރަށް އެ ޓީމު ކޮޅަށް ވަދެފައެއް ނުވެ އެވެ. ޕީއެސްޖީއަކީ އެ ތާރީހް ބަދަލު ކުރި ފުރަތަމަ ޓީމެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕާސަނަލް ކެމްބް އެވެ. ދެ ވަނަ ލަނޑު ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ އެވެ. އެ ދެ ލަނޑު ޖެހުމުގައިވެސް، ކުރިން ޔުނައިޓަޑަށް ކުޅުނު އާޖެންޓިނާގެ ވިންގާ އެންހަލް ޑީ މާރިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މެޗުގެ 89 ވަނަ މިނެޓްގައި ޕައުލް ޕޮގްބާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.