ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓްގައި އުފުލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ، މއ. ކާމިނީހުޅަގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގް ގެ ކުށުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ވަނީ ހަތަރު ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީންއާ ސުވާލުކޮށްފައި ވަނީ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް އެކައުންޓަކަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވާ މައްސަލަ އަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލައިގަ އެވެ.
ރައީސް ޔާމީންގެ ނަމުގައި ހުރި އެކައުންޓްތައް ފްރީޒްކޮށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ފުލުހުންގެ އެ ތުހުމަތުތައް ރައީސް ޔާމީން ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވަނީ އެމަނިކުފާނަށް ލިބިފައިވާ ފައިސާ އަކީ، ހެޔޮ އެދޭ އެކި ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ހަރަދު ކުރުމަށް އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުންނާނީ ހަލާލު ފައިސާ ކަމަށެވެ.