ހަބަރު

މަހުލޫފާއި އަކުރަމް ގޭގައި މަޑުކުރަން ރައީސް އަންގަވައިފި

Feb 14, 2019
13

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ރައީސް އެ ދެބޭފުޅުންނަށް އެގޮތަށް އެންގެވީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއިން މިއަދު އާންމު ކުރި ރިޕޯޓުން ހާމަވުމާ ގުޅިގެން އެވެ. އަދި އަކުރަމްކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު ޖަމާކޮށްފައި ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ރައީސް ސޯލިހު އެ ދެބޭފުޅުންނަށް ގޭގައި މަޑުކުރަން އެންގެވީ އެބޭފުޅުންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން އެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ގެންގުޅުއްވާނީ "ޒީރޯ ޓޮލިރެންސް" ކަމަށެވެ.

ރައީސްގެ އެ އެންގެވުމާ ގުޅިގެން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ އެ ނިންމެވުމަށް އޭނާ ފުރިހަމަޔަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

ގިނަ ދުވަސް ވަންދެން ސިއްރު ކޮށްފައި އޮތް އެ ރިޕޯޓް އޭސީސީއިން މިއަދު އާންމު ކުރި އިރު، އެފްއޭމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އެކައުންޓަށް ވެސް ވަނީ 100،000 ޑޮލަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ވަނީ 424،255 ޑޮލަރު ޖަމާކޮށްފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މެންބަރު ހުސެން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ޖަމާވެފަ އެވެ.