އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތްކަމަށް ހުށަހަޅައި، އެކަމަށް ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން އެދިފައި ވީނަމަވެސް، އެފްއޭއެމްގެ އަހަރީ ކޮންގްރެސް ކުރިމަތީގައި އޮތުމުން، އެކަމަށް ވަކި ހާއްސަ ކޮންގްރެސްއެއް ބާއްވަން ނުޖެހޭ ކަމަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ 'ފިފާ' އިން ރާއްޖެ އަށް އަންގައިފި އެވެ.
އެފްއޭއެމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފެންމަތިކޮށް، ކުލަބުތަކުން މަސައްކަތް ފަށާފައިވާކަން ފެންމަތިވި ހިސާބުން، އެފްއޭއެމުން ވަނީ އެކަން ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފީފާގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުން، ފީފާއިން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އަންނަ މަހު 25 ގައި ބާއްވާ އާންމު ކޮންގްރެސްއަކީވެސް މެންބަރު ކުލަބުތަކުން ބޭނުންވެއްޖެނަމަ އެފްއޭއެމްގެ ކަންކަމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮންނަ ކޮންގްރެސްއެއް ކަމަށްވާތީ، ހުށަހަޅާ ފައިވާ ކަންކަމާ ގުޅިގެން ހާއްސަ ކޮންގްރެސްއެއް ކޮންމެހެން ބާއްވަން ނުޖެހޭ ކަމަށެވެ.
ފީފާއިން، ފޮނުވާފައިވާ މި ސިޓީއާއެކު، މީޑިއާއަށް އާންމު ކޮށްފައިވާ އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ފީފާގެ އިރުޝާދާ އެއްގޮވާ ގޮތުގެ މަތިން ހާއްސަ ކޮންގްރެސްއެއް ނުބާއްވައި މިހާރުވެސް ތާވަލު ކޮށްފައިވާ، އާންމު ކޮންގްރެސް އޮންނާތީ ވިކްޓަރީ ސްޕޯޓްސް ކުލަބުން އެދިފައިވާ ހާއްސަ ކޮންގްރެސް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެފްއޭއެމްގެ މެންބަރު 19 ކުލަބުން، ސޮއިކޮށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން އިސްވެ ހުށަހެޅި މައްސަލައިގައި ވަނީ، އެފްއޭއެމްގެ ލިޑާޝިޕްގެ އިތުބާރު ނެތް ކަމަށް ފާސްވުމުން ހިންގުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ކޮންގްރެސްގައި ވޯޓަށް އެހުމަށް އެދިފަ އެވެ. އެކަމާ ގުޅިގެން ފިފާއިން ބުނެފައި ވަނީ، ފިފާގެ މެންބަރު އެސޯސިއޭޝަނަކަށް ނުވަތަ ފެޑްރޭޝަނަކަށް ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލުމުގެ ބާރު ފީފާގެ އަސާސީ ގަވާއިދުގެ އަށް ވަނަ މާއްދާއިން ލިބިފައި ވަނީ ފީފާއަށް އެކަނި ކަމަށެވެ.
އެކަމާ ގުޅިގެން އެފްއޭއެމުން ބުނެފައި ވަނީ، ފީފާ އާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފް ކަމެއް ކަމަށް ވުމުން ވިކްޓަރީ ސްޕޯޓްސް ކުލަބުން އެދިފައިވާގޮތަށް އަމަލު ކުރެވެން ނެތް ކަމަށެވެ.
ފީފާއިން އިތުރަށް ބުނެފައި ވަނީ، އެފްއޭއެމްގެ ހާލަތާ ގުޅިގެން އެ ހާލަތު ދެނަގަތުމަށް ފީފާ އާއި އޭއެފްސީ ހިމެނޭ ފެކްޓް ފައިންޑިން ކޮމިޝަނެއް އަންނަ މަހު ތިނަކުން ހަތަރަކަށް ރާއްޖެ ފޮނުވާނެ ކަމަށެވެ.
އެފްއޭއެމްގެ މި ބަޔާނުގައިވެސް ވަނީ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވުން އޮވެގެން ކުލަބުތަކާއެކު މުއާމަލާތް ކުރަމުންދާކަންކަން ނުހުއްޓައިފިނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފައިވާކަން ހާމަކޮށްފަ އެވެ.