އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި، އެކަމަށް ވޯޓެއް އެހުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން، އިސްވެ ހުށަހަޅާފައިވާ ގަރާރުގައި ސޮއި ކުރި ކުލަބުތަކުގެ ތެރެއިން، ހަތަރު ކުލަބަކުން ސޮއި އަނބުރާ ގެންގޮސްފި ކަމަށް އެފްއޭއެމްއިން ބުނެފި އެވެ. އެހެންވެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހަޅަން ޖެހޭ ގާނޫނީ އަދަދު ސައްހަ ނޫން ކަމަށް ވެސް ބުންޏެވެ.
މިމަހުގެ 10 ވަނަ ދުވަހު، އެފްއޭއެމްއާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހަޅާފައިވާ ގަރާރުގައި 19 ކުލަބަކުން ވަނީ ސޮއި ކޮށްފައިވާ ކަމަށް ވިކްޓަރީން ބުނެފައި ވެއެވެ. އެހެންނަމަވެސް އެފްއޭއެމުން މިއަދު ބުނެފައި ވަނީ، 19 ކުލަބަކުން ސޮއި ކޮށްފައިވާ ކަމަށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނި ނަމަވެސް، ސޮއި ކޮށްފައި ވަނީ 15 ކުލަބަކުން ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ކުލަބެއް ކަމުގައި ވުމުން، ނިއު ރޭޑިއަންޓްގެ ސޮއި ބަލައި ނުގަންނަ ކަމަށް އެފްއޭއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ފޯކައިދޫ ފުޓްބޯޅަ ކުލަބާއި ރޮކް ސްޓްރީޓަކީ އެފްއޭއެމްގެ މެންބާޝިޕް ލިބިފައިވާ ދެ ކުލަބު ނޫން ކަން އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންނަމަވެސް، އެ ދެ ކުލަބަކީވެސް އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ވާދަ ކުރާ ދެ ކުލަބެވެ. މިހާރު ކުރިއަށްދާ، ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް ފޯކައިދޫ ފުޓްބޯޅަ ކުލަބުން ވާދަ ކުރެ އެވެ.
"ވިކްޓަރީ ސްޕޯޓްސް ކުލަބުން، މި އެސޯސިއޭޝަނަށް ހުށަހަޅާފައިވާ ސިޓީގައި ސޮއި ކޮށްފައި ވަނީ ކުލަބެކެވެ.،" އެފްއޭއެމުން މިއަދު ނެރުނު ގަރާރުގައި ބުނެފައި ވެއެވެ. "ސޮއިކޮށްފައިވާ 15 ކުލަބުގެ ތެރެއިން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ މި އެސޯސިއޭޝަނުން ސަސްޕެންޑް ކުރެވިފައިވާ ކުލަކެވެ. އަދި ސޮއިކޮށްފައިވާ ކުލަބުތަކުގެ ތެރެއިން ފޯކައިދޫ ފުޓްބޯޅަ ކުލަބު އަދި ކުލަބު ރޮކް ސްޓްރީޓަކީ މި އެސޯސިއޭޝަންގެ މެންބާޝީޕް ލިބިފައި ނުވާ ދެ ކުލަބަކުން ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.
ގަރާރުން ސޮއި ގެންދިޔަ ހަތަރު ކުލަބަކީ ކޮބައިކަމެއް އެފްއޭއެމްގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ކުލަބުތައް ބުނިކަށް ހާމަކޮށް، އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ މެނޭޖުމެންޓް ބަދަލު ކުރުމަށް ކަމަށް ބުނެ، ވަކި ބައެއްގެ ލާބައާ މަންފާއަށްޓަކައި، ކުރެވޭ ގާނޫނާއި ގަވާއިދާ ހިލާފް މަސައްކަތްތަކެއްގައި ބައިވެރި ނުވާނެކަމަށާއި އަދި މިފަދަ އެއްވެސް ކަމެއްގައި އެކުލަބުތަކުގެ ބައިވެރިވުން ނޯންނާ ކަމަށް ބުނެ ސިޓީއަކުން ހަތަރު ކުލަބަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށެވެ.
"އެހެން ކަމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށްޓަކައި، އެދި ހުށަހަޅަންޖެހޭ ގާނޫނީ އަދަދު ހަމަނުވާކަންވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެފްއޭއެމުން އިތުރަށް ބުނީ، ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހަޅާފައިވާ ސިޓީ އާއި ސޮއި އަނބުރާ ގެންދިޔަ ހަތަރު ކުލަބުން ހުށަހަޅާފައިވާ ސިޓީތައް، ފީފާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި، ވިކްޓަރީއިން ހުށަހެޅި ގަރާރާ ބެހޭގޮތުން، އެފްއޭއެމުން ވަނީ ފީފާގެ ރައުޔު ހޯދާފަ އެވެ. ފީފާއިން އެފްއޭއެމްގެ ސިޓީއާ ގުޅިގެން ފޮނުވާފައިވާ ފީފާގެ ޖަވާބުގައި ބުނެފައި ވަނީ، އަންނަ މަހު 25 ގައި ބާއްވާ އާންމު ކޮންގްރެސްއަކީވެސް މެންބަރު ކުލަބުތަކުން ބޭނުންވެއްޖެނަމަ އެފްއޭއެމްގެ ކަންކަމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮންނަ ކޮންގްރެސްއެއް ކަމަށްވާތީ، ހުށަހަޅާ ފައިވާ ކަންކަމާ ގުޅިގެން ހާއްސަ ކޮންގްރެސްއެއް ކޮންމެހެން ބާއްވަން ނުޖެހޭ ކަމަށެވެ.
އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް އެފްއޭއެމުން ވަނީ އަންނަ މަހު 25 އަށް ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާފަ އެވެ.