އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލައި މިއަދު މާލޭގައި މުޒާހަރާކޮށްފި އެވެ.
އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން ބޭއްވި އެ މުޒާހަރާ ފަށާފައި ވަނީ، އާޓިފިޝަލް ބީޗް ސަރަހައްދުން އެވެ. އަދި ކޮރަޕްޝަނާ ދެކޮޅު ޝިއާރުތަކާ އެކު، އެ މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގުން ރަސްފަންނާ ހަމަޔަށް ހިނގާލައިފަ އެވެ. އެ މުޒާހަރާގެ ބައިވެރިން ގޮވާލީ އޭސީސީގެ ރައީސް، ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ އެހެން ބައެއް މެންބަރުންގެ މައްޗަށް ވެސް ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމުގެ ތުހުމަތުތަކެއް ކުރެވޭތީ، އިސްތިއުފާދެއްވުމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ބައެއް ފަރާތްތައް ދައުލަތުގެ މަގާމުތަކުގައި އަދިވެސް ތިބި ކަމަށާއި އެފަދަ ފަރާތްތައް ދުރުކުރުމަށް ވެސް އެ މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.
އެ މުޒާހަރާގައި އިސްކޮށް ހުންނެވި ކުރީގެ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މުޒާހަރާގެ ބޭނުމަކީ އޭސީސީގައި މިހާރު ތިބި މެންބަރުންގެ މައްޗަށް އިތުބާރު ނެތުމުން ބޮޑު ހިޔާނާތުގެ ތަހުގީގު ރަނގަޅަށް ނުކުރެވޭނެތީ އެބޭފުޅުންގެ އިސްތިއުފާއަށް ގޮވާލުން ކަމަށެވެ. އަދި އެބޭފުޅުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދީ މިނިވަން ތަހުގީގަކަށް ފުރުސަތު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ގޮވާލައި އިތުރު ހަރަކާތްތައް ބޭއްވުމަށް ވިސްނާ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ. މީގެ ބޭނުމަކީ، އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނު މީހުން މަޖިލީހަށް ކުރިމަތިލާ ހޮވުމަށް އޮތް ދޮރު ބަންދު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތުގެ ފަރާތުން ވަނީ އެމްއެމްޕިއާރުސީގެ ފައިސާ ލިބުނު 155 ފަރާތުގެ މައުލޫމާތު ހާމަކުރުމަށް އޭސީސީއަށް ގޮވާލައި ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. އަހަރެއްހާ ދުވަސް ފޮރުވާފައި ބޭއްވުމަށް ފަހު އެ ރިޕޯޓް އޭސީސީއިން އާންމު ކުރީ އެ ގޮވާލުންތަކާ ގުޅިގެން އެވެ.