ރިޕޯޓް

ކުޑަކުޑަ ފަރިފަރި ރަށެއް، ބޮޑުބެރުގެ ބޮޑު އާއިލާއެއް!

ކުޑަފަރީން: އައިޝާ އަޝްރަފް
Feb 16, 2019
5
ޔޫސުފު ރަހާއު އޭނާގެ ރައްޓެހި ދެ ކުއްޖަކާއެކު ބޮޑުބެރު ޖަހަނީ -- އަވަސް ވީޑިއޯ | އަހުމަދު މާނިސް

ތާރީހީ އިލްމްވެރިން ލަފާކޮށް ވިދާޅުވާ ގޮތުގައި، އަޅުންގެ ގޮތުގައި ރާއްޖެއަށް ގެނައި ބަބުރުންތަކެއް ކުށްވެރިވެގެން މާލެއިން އުތުރަށް އަރުވާލި އެވެ. ފޮނުވާލެވުނު އެ ބަބުރުން ދިރިއުޅެން ވަޒަންވެރިވީ ރަށަކީ ރީތި ކުޑަ ރަށެކެވެ. އެއީ ނ. އަތޮޅުގެ މެދަށް އޮންނަ މި ރަށް ކުޑަފަރީ އެވެ. މިއީ ތެދު ހަގީގަތްކަން ޔަގީން ކަމާއެކު ތާރީހީ އިލްމުވެރިން ވިދާޅު ނުވިޔަސް މިއަދާ ހަމައަށް ވެސް ބަބުރުންގެ މި ވާހަކަ މި ރަށުގައި އެބައޮތެވެ.

ހާއްސަ ކޮށް މި އަތޮޅާއި މި ކުޑަފަރީގަ އެވެ. އެއީ ތެދަކަށް ވަންޏާ އެތައް ސަތޭކަ އަހަރެއް ކުރިން ކުޑަފަރީގައި ވަޒަންވެރިވި އެފްރިކާގެ ބަބުރުންގެ އާއިލާއިން އުފެދިގެން އައި ދަރިފަސްކޮޅު މިހާރު ވެސް މި ރަށުގައި އޮންނާނެ ހެއްޔެވެ؟ -- އެ ތާރީހުތައް ބަލައި ދިރާސާ ކުރުން އެހެން ފަހަރަކަށް ދޫކޮށްލީ އެވެ

ކަޅުކޮށް ބިޔަކޮށް އަދި ދަތްތައް ކޮންމެވެސް ވަރަކަށް ބޭރަށް ހުރެފައި ދެ ތުންފަތް ބޮޑުކޮށް ތިބޭ މީހުންނަށް އާއްމުކޮށް ދިވެހިން ކިޔައި އުޅެނީ ބަބުރުންނެވެ. ބަބުރުންގެ ނުވަތަ އެފްރިކާ މީހުންގެ އެންމެ ސަގާފީ ކުޅިވަރަކީ ބެރު ޖެހުމެވެ. އަދި އެ ޖަހާ ބެރާ އެއްވަރަށް ފައިހަމަކޮށް ބަނޑި ބަނޑި ލެއްވުމަކީ ވެސް އެ ސަގާފަތަށް ދިރުމެއް ގެނެސްދީފައި އޮންނަ ފާޑެއްގެ ވައްތަރު ޖެއްސުމެކެވެ. "ބެރު" ޖެހުމާއި ބެރު ލަވަތަކަށް ފައި ހަމަ ކުރުމާއި ބެރާ އެއްވަރަށް ޒާތްޒާތުގެ އަޑު ނެރެ ލޯ ބޮޑުކޮށްލައި އަވަރުލޮށްލައި ހެދުމަކީ އެމީހުން ސަގަފާތުގައި ހިނގަ ހިނގާ އޮތް ކަމެކެވެ.

ދިވެހި ބެރުތަކުގެ ތެރޭގައި ވެސް "ބަބުރު" ބެރޭ ކިޔާ ވައްތަރެއް ވެސް އޮވެއެވެ. އަދި ބަބުރުލަވައޭ ކިޔާ ވައްތަރެއް ވެސް އެބަ އޮތެވެ. ބަބުރު ލަވަ ކިޔުމާއި އެ ލަވައަށް ބެރު ޖެހުމަކީ ކުޑަފަރީގެ ބެރުވެރިން ވަރަށް ފަރިތަ އަދި އެމީހުނަށް ހާއްސަ ކަމެކެވެ. ބަބުރުލަވަތަކަށް އަޑުއަޑު ލައްވައި އެނބުރުމަކަށް ދާ ފާޑުގެ ނެށުމެއް ނަށާކަށް މި ކުޑަފަރީ މީހުނަށް މަ އުނދަކޫ ކަމަކަށް ނުވެ އެވެ.

ބޮޑު އާބާދީ އެއް ނެތް ކުޑަ ރަށަކަށް ވެފައި މުޅި ރަށުގައި ބޮޑު ދެތިން އާއިލާއެއް އޮތަސް މި އާއިލާތަކުގެ ތެރެއިން ވެސް ހާއްސަ "ބެރު" އާއިލާ އެއް މި ކުޑަ ރަށުގައި އެބަ އުޅެ އެވެ.

މި ބެރު އާއިލާގެ އެކި މީހުން ހާއްސަ ވަނީ އެކި ބެރަށެވެ. އެއް ބަޔަކު މެދު ބެރަށެވެ. އަނެއް ބަޔަކަށް ބޮޑަށް ޖަހާލެވެނީ ކޮއްޓާ ބެރެވެ. ދެން ތިބި މީހުންގެ ފޯރި ހުންނަނީ ބަބުރު ބެރަށެވެ. ބޮޑުބެރާއި ބޮޑުބެރު ލަވައާއި އެ ލަވަތަކަށް ނެށުމާއި އެ ވަޖިދުގެ ތެރޭގައި އުޅޭ މި އާއިލާގެ މިންވަރެއް ކިޔައި ދޭނަމެވެ.

މި އާއިލާ މީހުނަކީ އެއްގޮތަކަށް ވެސް "ބަބުރުން" ނެއް ނޫނެވެ. އެއީ ހަމަ ކުޑަފަރީ މީހުނެވެ. މި އާއިލާގެ މީހަކު ބެރުގައި ޖަހާލުމުން އެ ނުކުންނަ ބުން އަޑަކީ ހަމަ ބެރުގެ އެންމެ ފުނުގައި ޖެހުމުން ނުކުންނާނެ ވެސް ޒީލައެވެ. އެކެއް ދެމީހެއް ނޫނެވެ. މުޅި އާއިލާއެވެ. ކާފައާއި ކާފަ ދަރިންނާއި އެ ދަރިންގެ ދަރީންގެ ކިބައިގައި ވެސް އެ ކުޅަދާނަކަން އެބަހުއްޓެވެ.

ވައިމަޑުއިރު ކުޑަފަރީގައިޖަހާ ބެރު ގެއަޑު މާފަރަށް އިވޭ ކަމުގައި ވެއެވެ. އަދި ކުޑަފަރީގައި ބެރުޖަހާ ތަނުގައި ހުންނަ ވައިބްރޭޝަނުން ދިއްލާފައި ހުންނަ ބިގަރުގެ މެންޓެލި ވެއްޓާލަ އެވެ. މީގެ އިތުރުން ބެޓް ކުރުމަށްފަހު ބެރުގެ ހަން ފަޅައިލުމަކީ ބެރުވެރި މި އާއިލާގެ މެންބަރުން ހާއްސަކޮށް ޔޫސުންބެމެނަށް އެއްވެސް ކަމެއް ނޫނެވެ.
ކިޔުންތެރިއަކު އިތުރުކޮށްދިން މައުލޫމާތެއް

މި ރަށުގެ ޔޫފުސް ގާސިމް (ޔޫސުންބެ) އަކީ އަދި ރަށުގައި މަޝްހޫރު "ބެރު އާއިލާ" ގެ ފެށުމެއް ނޫނެވެ. ޔޫސުންބެގެ ކުރިން ވެސް ބެރުގެ ތެރޭގައި އޭނާގެ ބޮޑަށް ތިބި އެތައް ބަޔަކު އުޅުނުކަން ރަށު މީހުންގެ ވާހަކަތަކަށް ބަލާފައި ލަފާ ޔަގީން ކުރެވެ އެވެ. ޔޫސުންބެ އަށް ލިބުނު ކޮންމެ ދަރިޔަކީ ވެސް ބެރުގެ ދުނިޔެ އަށް އުފަންވި ބެރުވެރިއެކެވެ. އަދި އެމީހުންގެ ދަރިންގެ ދަރިންވެސްވީ ބެރުވެރިންނަށެވެ.

  • ޔޫފުސް ގާސިމް (ޔޫސުންބެ) - ހުރިހާ ވައްތަރެއްގެ ބެރުވެސް ޖަހާ
  • ޔޫސުންބެއަށް އަށް ދަރިން ލިބިފައިވާ އިރު، ފަސް ދަރިން ބެރުޖަހާ ބެރު ލަވަކިޔާ
  • މުހައްމަދު ވަހީދު ޔޫސުފް (ފުރަތަމަ ދަރި): ހާއްސަ ވަނީ ކޮށްޓާ ބެރާއި ބޮޑުބެރަށް
  • މުހައްމަދު ވަހީދުގެ، ފާރޫގު މުހައްމަދު، ސަހުލު މުހައްމަދު، ސަހުދު މުހައްމަދުވެސް ބެރު ޖަހާ
  • އަހުމަދު ޔޫސުފް (ދެވަނަ ދަރި): ހުރިހާ ބެރެއްވެސް ޖަހާ
  • އަހްމަދު ޔޫސުފްގެ ދަރި އަބްދުﷲ ރަޝީދާއި އާދަނު ވެސް ބެރުޖަހާ
  • އިސްމާއިލް ޔޫސުފް (ތިންވަނަ ދަރި): ހާއްސަ ވަނީ ބޮޑުބެރަޢް
  • އިސްމާއިލް ޔޫސުފްގެ ދަރި އަފްރާހް އިސްމާއިލް ބެރުޖަހާ
  • ހަފީޒާ ޔޫސުފް (ހަތަރުވަނަ ދަރި): ބެރުޖެހުމުގައި ބައިވެރިވޭ
  • ހަފީޒާ ޔޫސުފް ބެރު ނުޖެހިއަސް، އޭނާގެ ދަރި އަޝްފާގު ބެރުޖަހާ
  • އަބްދުﷲ ސައީދު (ފަސްވަނަ ދަރި): ބެރުޖެހުމުގައި ބައިވެރިވެ ނަގާ ކިޔާ
  • އިބްރާހިމް ޝިހާމް (ހަވަނަ ދަރި) ހާއްސަވަނީ ބަބުރު
  • އިބްރާހިމް ޝީހާމްގެދަރި އައިހަމް އިބްރާހީމް: ބެރު ޖަހާ
  • މައުސޫމާ ޔޫސުފް (ހަތްވަނަ ދަރި) - ބެރުޖެހުމުގައި ބައިވެރިވޭ
  • މައުސޫމާގެ ދަރި އަބްދުﷲ ޔާމީން ބެރުޖަހާ
  • ހުސެއިން ރައޫފު (އަށް ވަނަ ދަރި) - ހާއްސަ ވަނީ ބޮޑު ބެރުގެ ކޮށްޓާ ބެރަށް
  • ހުސެއިން ރައޫފުގެ ދެ ފިރިހެންދަރިން: މަލާކު ހުސެއިން ރައޫފު އަދި ޔޫސުފް ރަހާއު ބެރުޖަހާ

މި ކުޑަފަރީގައި ބެރު ޖަހާ ނަމަ އެންމެ އިސް ބެރުގައި ހުންނާނީ އެ އާއިލާގެ މެންބަރެކެވެ. އެ އާއިލާގެ ބައެއް މެމްބަރުން ބުނި ގޮތުގައި އެ އާއިލާގައި ބޮޑުބެރަށް ހުންނަނީ ފާޑެއްގެ ދަމާ ބާރެކެވެ. މި އާއިލާގެ އެއްވެސް މީހަކަށް ބެރުން އަތް ދޫކޮށް ނުލެވެނީ އެވެ. ބެރުގެ ބުން ކަންފަތުގައި ޖެހޭ ހިސާބުން މޭ ތެޅި ގުޑަން ފަށަ ބަބުރު ނެށުމުގެ ރޫރޫ ލާން ފަށަ އެވެ.

"ދުރުގައި ކުޅި ބަލަން ހުރުމަކީ އަހަރެމެނަށް ކެތްވާނެ ކަމެއް ނޫން." އެ އާއިލާގެ މެންބަރަކު ބުންޏެވެ.

ޔޫސުންބެގެ ވެސް އަށް ކުދިން އެބަތިއްބެވެ. އެ އެންމެނަކީ ވެސް ބެރުވެރީނެވެ. އަދި އެމީހުންގެ ދަރިން ވެސް ކުރާ ކަމަކީ އެއީ އެވެ. ޔޫސުންބެގެ އެންމެ ހަގު، ހުސައިން ރައޫފުގެ އެންމެ ހަގު، ޔޫސުފު ރަހާއު އަކީ މި ކުރަހައިދިން ކުޑަފަރީ ޔޫސުންބެގެ ބެރު އާއިލާގައި މިވަގުތަށް އެންމެ ހަގު ބެރުވެރިޔާ އެވެ. އަދި އެންމެ ބޮޑަށް ވިދާ ލޮލު އަޅައިގެންފައިވާ ބެރުވެރިޔާވެސް މެއެވެ.

ކުޑަފަރީގެ މި ބެރު އާއިލާގެ މިހާރުގެ އެންމެ އުއްމީދީ ބެރު ޖެހުންތެރިޔާއަކީ އުމުރު އަދި 10 އަހަރުގެ ޔޫސުފް ރަހާއު އެވެ. ކުޑަ ކުއްޖަކަށް ވިޔަސް އެއީ އަރާހުރި ބެރުވެރިއެކެވެ. ބެރުގެ ތަރިއެކެވެ. އާއިލާގެ އެހެން މެންބަރުން ފަދައިން ހާއްސަ ބެރަކަށް ގޮސް ހުސްވުމުގެ ބަދަލުގައި އެކި ފާޑު ފާޑުގެ ބެރު ޖެހުމުގައި އިސްވެ ހުންނަނީ އަދި އިސްކޮޅަށް ހަތަރު ފޫޓުވެސް ހަމަ ނުވާ މި ކުޑަކުއްޖާ އެވެ.

ރަހާއު އޭނާގެ ރައްޓެހި ކުދިންކޮޅަކާއެކު އުފައްދާފައި އޮންނަ ބެރު ގްރޫޕެއް ވެސް އޮވެއެވެ. އެ ގްރޫޕްގެ ލީޑަރަކީ ވެސް އޭނާ އެވެ. ބެރުގައި ޖެހުން އެކަންޏެއް ނޫނެވެ. ލީޑު ލަވަކިޔުންތެރިޔާއަކީ ވެސް ރަހާއު އެވެ.

ލަވަކިޔުމުގައި މައްދަކަށްވާނެހެން އަޑު ދަމާލައި ބާރުކޮށްލާ ގޮތާއި ބެރުގެ ފަލަ އަޑު ނިތުގެ ބުމައާ އެއްވަރަށް ކޮޅުކޮޅަށް ބޯ ހަލުވާލާ ގޮތުން މިއީ އިއްޔެއަކު އިހަށްދުވަހަކު ރަހާއު ދަސްކޮށްގެން އުޅޭ ކަމެއް ނޫންކަން އެނގެ އެވެ.

އެ އާއިލާގެ މެންބަރުން ބުނާ ގޮތުގައި އެއީ އާއިލީ ލޭގައި ހުރި ހުނަރެކެވެ. ރަހާއުގެ ކާފަ، ޔޫސުންބެ އާއި އާއިލާގައި އިހަށް އުޅެ މަރުވެދިޔަ ދޮށީ ބެރުވެރިންގެ ހުނަރު ރަހާއު އާއި އާއިލާގައި މިހާރު ތިބި އެންމެންގެ ކިބައިގެން ވެސް އެބަހުއްޓެވެ. ރާއު ކުޑަޔަސް އޭނާގެ ކިބައިގައި ވަކީން ބޮޑެވެ.

ކުޑަފަރީ ފިނިމައިޒާނުގައި ރަހާއު ބެރުޖަހައި ބަބުރު ލަވަތައް ކިޔާއިރު އެތާނގެ ކައިރީ ތިބޭ މީހުންގެ ކަންފަތަށް އިވެނީ ހަމަ އޭނާގެ ބައްޕަ ހުސެއިން ރައޫފާއި އާއިލާގެ އެހެން މެންބަރުންގެ ވަރުގަދަ ރީތި އަޑު ކަމަށް މި ރަށު މީހުން ބުނެ އެވެ.

"އުމުރުން ތިން އަހަރުގައި އެނދުގެ ތިރީ ފިލާގަނޑު ކައިރީ އިނދެ ބެރުޖެހޭތޯ މަސައްކަތް ކުރިން. ފަހުން ބައްޕަގެ ބެރު ކައިރިއަށް ގެންގޮސް ދަސްކޮށްދިން ހަނދާން އަދިވެސް ހުރޭ،" އޭނާ ބުންޏެވެ.

މިއީ މި އާއިލާގެ އެންމެ ހަގު "ބެރެ" ވެ. ދޮށްޓަށް ވިއްސަކަށް "ބެރު" މި ކުޑަފަރީގައި އެބަ އުޅެ އެވެ. ކުޑަފަރީ ޔޫސުންބެ އާއި ދަރިންގެ ދަރިންނަށް ވެސް ބެރާ ނުލާ ނޫޅެވޭ އިރު ދިވެހިން ބެރުގެ ފޯރިއާއި ވަޖިދުގައި އަނގައަށާއި ލޮލާއި ބޮލަށް ގެންނަ ބަބުރު ވައްތަރުގަނޑު އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއްބަޔަކީ ކުޑަފަރީގެ މި އާއިލާ އެވެ. މިއީ ބެރާއި ބަބުރުލަވަޔާއި ނެށުމުގެ ހާއްސަ އާއިލާކެވެ. ކުޑަ ކުޑަ ފަރި ފަރި ރަށަކުން އައި ބޮޑު ބޮޑުބެރު ބޮޑު އާއިލާއެކެވެ.