އެފްސީ ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ އެ ދެ ކޯޗުންގެ ކުލަބާ އެކު އެއްބަސްވުން އާ ކޮށްފި އެވެ.
ވަލްވެރުޑޭ އާއެކު، 2017 ވަނަ އަހަރު ބާސާއިން ހެދި އެންމެ ފުރަތަމަ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. އާ ކޮންޓްރެކްޓާއެކު އަންނަ ސީޒަންގެ ނިޔަލަށް އޭނާ ބާސާގައި މަޑު ކުރާނެ އެވެ. އަދި ބާސާއިން އޭނާ މަގާމުގައި ބަހައްޓަން ބޭނުންނަމަ، އިތުރު އެއް އަހަރަށް ބާސާގައި އޭނާ ބެހެއްޓުމުގެ ފުރުސަތު އެ ކުލަބަށް އޮވެ އެވެ.
ވަލްވެރުޑޭގެ ފުރަތަމަ ސީޒަންގައި އޭނާ ވަނީ، ބާސާއަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ވަލްވެރުޑޭ ބުނީ، ބާސާގެ ކޮންޓްރެކްޓް އާ ކުރަން މެނޭޖުމެންޓުން އޭނާއަށް ފުރުސަތު ދިނީ އޭނާއަށް ކުރެވުނު މަސައްކަތް ރަނގަޅުކަމަށް މެނޭޖުމެންޓުން ބަލައިގަންނާތީ ކަމަށެވެ. އަދި ތައްޓެއް ނުހޯދައި ބާސާގެ ކޯޗު ކަމުގައި ދެމިހުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވަލްވަރުޑޭ ބުންޏެވެ.
ސިމިއޯނޭ، އެތުލެޓިކޯގެ ކޮންޓްރެކްޓް އާ ކުރީ ކުރިއަށް އޮތް ތިން އަހަރެވެ. އިންޓަ މިލާންއަށް ކޯޗުކޮށް ދޭނެ ކަމަށް ބުނެފައިވާ ސިމިއޯނޭ، އަންނަ ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް އަޑު ފެތުރިފައި އޮތްވައި އޭނާ ވަނީ ޖޫން 2022 ގެ ނިޔަލަށް އެތުލެޓިކޯގައި ދެމިހުރުމަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
އޭނާ ބުނީ، އެތުލެޓިކޯގެ ކޮންޓްރެކްޓް އާ ކުރުމަށް އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ލިބުނީ ކުޅުންތެރިންގެ ފަރާތުން ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ކުރިއަށް ތިން އަހަރަށް އޮތް ރަނގަޅު ސްޕޯޓިން ޕްރޮޖެކްޓެއްގެ ދަށުން ކަމަށް އޭނާ ބުންޏެވެ.
ސިމިއޯނޭގެ ކޯޗު ކަމުގައި އެތުލެޓިކޯ ވަނީ 2014 ވަނަ އަހަރު ސްޕެނިޝް ލީގް ކާމިޔާބު ކޮށްފަ އެވެ. އަދި ހަތަރު އަހަރު ތެރޭ، ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދެ ފަހަރެއްގެ މަތިން އެތުލެޓިކޯ ގެންގޮސް ދިނެވެ. މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގް ޗެމްޕިއަންކަންވެސް ހޯދައިދީ، ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް މި ސީޒަންގެ ޔޫއެފާ ސްޕާ ކަޕުވެސް އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނެވެ.