އެތުލެޓިކޯ މެޑްރިޑް

ބާސާ ސަލާމަތްވީ ހަމަކިރިޔާ، އެތުލެޓިކޯ ދެ ވަނައަށް

މެދުކެނޑުމަކަށް ފަހު، އަލުން ސްޕެނިޝް ލީިގްގައި ވާދަ ކުރާ، ރެއާލް ވަލަޑޮލިޑް އަތުން ހަނިގޮތަކަށް، ޗެމްޕިއަން ބާސެލޯނާ ސަލާމަތް ވެއްޖެ އެވެ. އަމިއްލަ ދަނޑު، ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން ބާސާ މޮޅުވީ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ޕެނަލްޓީން 1-0 ންނެވެ.

ބާސެލޯނާގެ ކުރީގެ ފޯވަޑް، ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ، 51 ޕަސަންޓް ހިއްސާ ގަނެފައިވާ، ކުލަބު ވަލޮޑޮލިޑުން ވަނީ، ބާސާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗަށް، ރޮނާލްޑޯވެސް ވަނީ، ކޭމްޕްނޯ ސްޓޭޑިއަމަށް ހާޒިރު ވެފަ އެވެ. ކޭމްޕްނޯ ސްޓޭޑިއަމްގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއުގެ ފަރާތުން ވަނީ ރޮނާލްޑޯއަށް އިހްތިރާމު އަދާކޮށްފަ އެވެ. އެއީ 1997 ވަނަ އަހަރު އޭނާ ބާސާ ދޫކޮށްލި ފަހުން ކޭމްޕްނޯގައި ބޭއްވި އެކަހަލަ ރަސްމިއްޔާތެއްގައި ރޮނާލްޑޯ ބައިވެރިވި ފުރަތަމަ ފަހަރެވެ.

ރޭ ގެ މެޗުގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ، ވަލަޑޮލިޑްގެ ކީޕަރު ޖޯޑީ މާސިޕް އެވެ. އޭނާ ވަނީ، ލުއިސް ސުއަރޭޒްއަށް ހުސްކޮށް ލިބުނު ބޯޅައެއްވެސް ހުށީޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. އެކަމަކު އޭނާގެ އެންމެ މުހިންމު ސޭވަކީ މެޗުގެ 85 ވަނަ މިނެޓްގައި ބާސާއަށް ލިބުނު ދެ ވަނަ ޕެނަލްޓީ މެސީ ފޮނުވާލުމުން ދިފާއު ކުރުމެވެ.

މެޗުގައި، ވަލަޑޮލިޑަށްވެސް ޕެނަލްޓީ ލިބެންޖެހޭ ހަލަތެއް މެދުވެރިވި އެވެ. އެއީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން، އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުގައި ބޯޅައިން ޖެހުމުންނެވެ. އެހެންނަމަވެސް މެޗުގެ ރެފްރީ ހުއާން މާޓީނޭޒް އާއި އޭނާގެ އެހީތެރިންނަށް އެކަން ފާހަގައެއް ނުކުރެވުނެވެ. އެ މެޗަކީ، ލަލީގާގައި ޕީކޭ ކުޅުނު 300 ވަނަ މެޗެވެ.

ރެލިގޭޝަން ޒޯންގައި އޮތް ރެއާލް ވަޔެކާނޯ އަތުން އެތުލެޓިކޯ މެޑްރިޑްވެސް މޮޅުވީ 1-0 ންނެވެ. އެ މޮޅާއެކު، އެތުލެޓިކޯ ވަނީ ތާވަލުގެ ދެ ވަނައަށް އަރައިފަ އެވެ. މިއަދު ހަވީރު ޖިރޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުން، ރެއާލް މޮޅު ވެއްޖެނަމަ އެ ޓީމު އަނެއްކާވެސް ދެ ވަނަ އަށް ޖެހިލާނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 4:00 ގަ އެވެ.

އެތުލެޓިކޯއިން މެޗަށް ނިކުތީ، ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު، މިހާރު ފިޓްވެފައިވާ ސްޓައިކަރު ޑިއޭގޯ ކޯސްޓާ ހިމަނައިގެންނެވެ. އޭނާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެތުލެޓިކޯގެ ލަނޑު، އަލްވާރޯ މޮރާޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، އެންޓްއާން ގްރީޒްމަން އެވެ.

ގްރީޒްމަންގެ ލަނޑާއެކު، އޭނާ ވަނީ، އެތުލެޓިކޯގެ ކުރީގެ ކެޕްޓަން ފެނާންޑޯ ޓޯރޭޒްގެ މައްޗަށް، އެތުލެޓިކޯގެ ލަނޑު ލިސްޓްގައި ކުރި ހޯދާފަ އެވެ. އެތުލެޓިކޯއަށް ގްރީޒްމަން ޖަހާދީފައިވާ ލަނޑުގެ އަދަދު މިހާރު ވަނީ 131 އަރާފަ އެވެ. އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ، ކުރިގެ ކެޕްޓަން އަދި ކުރިން ކޯޗުކަންވެސް ކުރި ލުއިސް އަރަގޯނޭޒް އެވެ. އޭނާ ވަނީ 172 ލަނޑު ޖަހާފަ އެވެ.

މެޗުގެ އެންމެ ފަހުކޮޅުގައި، ވަޔެކާނޯގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ބޯޅައެއް އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލެކް ވަނީ ދިފާއުކޮށްފަ އެވެ.