ރިޕޯޓް

އިންޝުއަރެންސްގެ ރައްކާތެރިކަން ބޭނުންވެފައި!

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ތަރައްގީ ވަމުން އައިގޮތް- އިންފޮގްރެފިކްސް | އަހުމަދު މާނިޝް

އިންޝުއަރެންސުގެ ބޭނުމަކީ ގެއްލުމެއް ލިބޭ ވަގުތު ގެއްލުން ފޫބައްދަން އެހީވުމެވެ. ހާއްސަކޮށް ކާރިސާތަކާއި ހާދިސާތަކަށް ފަހު އަންނަ މާލީ ބުރަކަން ފިލުވައިދީ ނަފުސާއި ތަކެއްޗަށް ލިބޭ ގެއްލުމުން ބަދަލު ހޯދައި ދިނުމެވެ. މިކަން އެނގެނީ 2004 ވަނަ އަހަރު ދެކުނު އޭޝިއާ އަށް ބޮޑު ގެއްލުމެއް ލިބުނު ސުނާމީ ކާރިސާ އެވެ. ސުނާމީގެ ރާޅާއެކު ގިނަ ތަންތަން ފުނޑުފުނޑުވި އެވެ. މާލީގޮތުން ބޮޑެތި ގެއްލުން ތަކެއް ވިއެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމަށް މި ހާދިސާ އިން ބޮޑެތި ގެއްލުންތަކެއްވި އެވެ. މިއީ އިންޝުއަރެންސުގެ ރައްކާތެރިކަމަށް ރާއްޖެ އިގްތިސާދު ވެސް ލޯ ހުޅުވުނު ހާދިސާ އެވެ.

ނަމަވެސް، އޭރު ރާއްޖޭގެ އިންޝުއަރެންސް ދާއިރާގައި ތިބީ ގިނައިން ބޭރު ކުންފުނި ތަކެވެ. ނަތީޖާއަކަށްވީ އިންޝުއަރެންސް ވިޔަފާރީގައި އުޅުނު ބައެއް ކުންފުނިތައް ރާއްޖެ ދޫކޮށް "ފިލު" މެވެ. ސަބަބަކީ މި ދާއިރާގައި ރާއްޖޭގައި ރައްކާތެރި ކަމެއް ނެތް ކަމަށް އެމީހުންނަަށް ގަބޫލު ކުރެވުމެވެ. މި ހާދިސާ އަށް 15 އަހަރު ފަހުން މިހާރު އިންޝުއަރެންސް ދާއިރާގައި ގިނައިން ތިބީ ދިވެހި ކުންފުނިތަކެވެ. ނަމަވެސް އަދިވެސް މި ދާއިރާ އޮތީ ހަމަ އެގޮތަށެވެ. މީހުންނާއި ތަކެތި ރައްކާތެރިކޮށްދޭ، އިންޝުއަރެންސް ދާއިރާ އޮތީ ރައްކާތެރި ކަމަށް ބޭނުންވެފަ އެވެ.

"މި [އިންޝުއަރެންސް] ސެކްޓާ ދުވަހުން ދުވަހަށް މި ދަނީ ކުރިއަރަމުން. އެހެންވެ، މިހާރު ބޭނުންވަނީ އިންޝުއަރެންސް ސެކްޓާ އަށް މިހާރަށް ވުރެ ރައްކާތެރި މާހައުލެއް ގާއިމްވެފައިވުން،" އެލައިޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެގާރަ އަހަރު ފުރުއްވާފައިވާ، އަބްދުލް ވާހިދު ތައުފީގު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާވާ ވަރަކަށް އިންޝުއަރެންސް ސެކްޓާ ވެސް މި ދަނީ ފުޅާ ވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާރު އިންޝުއަރެންސް ހިދުމަތް ދޭން ފަސް ކުންފުންޏެއް އެބަތިއްބެވެ. އެ ކުންފުނި ތަކަކީ އެލައިޑް އިންޝުއަރެންސް އާއި އަމާނާ ތަކާފުލް އަދި ސިލިންކޯ އިންޝުއަރެންސާއި ސޮލަރެލް އަދި ދިވެހި އިންޝުއަރެންސް އެވެ. އަދި އިންޝުއަރެންސް ބްރޯކަރުންގެ ގޮތުގައި އަށް ކުންފުނި އަދި އެޖެންޓުންގެ ގޮތުގައި 41 ފަރާތެއް ހަރަކާތްތެރިވެ އެވެ. ރާއްޖޭގެ މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ޖުމްލަ އެސެޓު 1.3 ބިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އަދި ޖުމްލަ އަގު 800 މިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރަ އެވެ.

މި ވިޔަފާރި ފުޅާވަމުން ދިޔަ ނަމަވެސް މި ދާއިރާ ވެގެން ގޮސްފައިވަނީ މުހިންމު އެހެން ނަމަވެސް ރައްކާތެރިކަން ނެތް ދާއިރާ އަކަށެވެ. ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ރައްކާތެރިކޮށް ބަލަހައްޓަނީ 2004 ވަނަ އަހަރު ހަދާފައިވާ ގަވާއިދަކުންނެވެ. ނަމަވެސް އިންޝުއަރެންސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތް ތަކުން ދެކޭ ގޮތުގައި އިގްތިސޯދު ކުރި އަރައިދާވަރަށް ބަލާއިރު މި ދާއިރާ އަށް ޒަމާނީ ބަދަލުތައް ގެނެވިފައެއް ނުވެ އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނީގެ އެމްޑީގެ މަގާމު މިހާރު ހުންނެވި ވާހިދު ވިދާޅުވި ގޮތުގައި އިންޝުއަރެންސް ސެކްޓާ އަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހެ އެވެ. މީގެތެރޭގައި ބައެއް އިންޝުއަރެންސް ޕޮލިސީތަކަށް ބަދަލު ގެންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިސާލެއްގެ ގޮތުން "މޮޓޯ އިންޝުއަރެންސް" ނަންގަވަމުން ވާހިދު ވިދާޅުވީ މި އިންޝުއަރެންސްގެ ލިމިޓު މިހާރުގެ ހާލަތަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"މޮޓޯ އިންޝުއަރެންސް ލާޒިމް އެއްޗެއް. އެކަމަކު ވަރަށް ކުޑަ ލިމިޓެއް މި އޮންނީ. މި އޮންނަނީ އެއް ލައްކަ ރުފިޔާ. ނަމަވެސް މިހާރު ބްރިޖާއި ހައިވޭތައް ހެދުމުން ބޮޑެތި އެކްސިޑެންޓްތައް އެބަ ދިމާވޭ. ބޮޑެތި ގެއްލުންތަކެއް ވެސް ލިބެމުންދޭ. އެހެންވެ، މިހާރު އެބަޖެހޭ މިގޮތަށް ދިމާވާ އެކްސިޑެންޓް ތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭން ލިމިޓު ބޮޑު ކުރަން،" ވާހިދު ވިދާޅުވި އެވެ.

މަޖުބޫރު ކުރަން ޖެހޭ ކަމެއް!

ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަށް ހާއްސަ ގާނޫނެއް ނެތެވެ. ނަމަވެސް މި ވިޔަފާރިއަކީ ގާނޫނީ ރައްކާތެރިކަން ބޭނުންވާ އެއް ދާއިރާ އެވެ. ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދާއިރު މި ދާއިރާއަށް މި ރައްކާތެރިކަން މުހިންމުވެ އެވެ.

މީގެ ކުޑަ މިސާލަކީ ދާދި ފަހުން ފިލިޕީންސްގެ ދެ މަފިރިން ގެނބިގެން މަރުވި ހާދިސާ އެވެ. އެ ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ގައުމަށް ނުގެންދެވުނީ އިންޝުއަރެންސް ނެތުމުނެވެ. މީގެ ސަބަބުން އެންމެ ފަހުން ސަރުކާރުން ޖެހުނީ 25،000 ޑޮލަރު ހޭދަ ކޮށްގެން ދެ މީހުންގެ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާލާށެވެ. މިފަދަ ހާދިސާ ތަކަކީ ގައުމަށް މީގެ ހަޑިކަން ކުރިމަތިވާނެ ކަމެކެވެ. ރާއްޖޭގައި ގެސްޓްހައުސް ހަދާއިރު އިންޝުއަރެންސް ނަގަން މަޖުބޫރު ކުރި ނަމަވެސް ފަހުން އިންޝުއަރެންސް އަށް އަޅައެއް ނުލަ އެވެ. މިހެންވުމުން ހާދިސާއެއް ދިމާވާ ހިނދެއްގައި ގެސްޓްހައުސް އޯނަރަށް އެ ކަމަށް އެޓެންޑް ކުރެވޭނެ މާލީ ގާބިލް ކަމެއް ނުހުރެ އެވެ. އިންޝުއަރެންސުގެ ބޭނުން ޖެހޭ ހިސާބަކީ މި އެވެ. ނަމަވެސް ގާނޫނުން މިކަން ލާޒިމް ނުކުރުމުން އިންޝުއަރެންސް ކުރަން މަޖުބޫރެއް ނުވެ އެވެ.

އިންޝުއަރެންސުގެ ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަަމަށްވާ، ވާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާ ކަނޑު މަތީ އެކްސިޑެންޓްތަކުން ތިން ވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ ގޮތެއް ވެސް
ނެތެވެ.

"ލައިބިލީޓ އިންޝުއަރެންސް އެބަޖެހޭ ކަނޑު ދަތުރު ތަކަށް މަޖުބޫރު ކުރަން. މިހާރު ވަރަށް ހިތާމަވެރި ހާދިސާތައް ހިންގާ އެބަ. އެހެން ގައުމުތަކުގައި ހުރޭ ފަސިންޖަރުންނާއި މުދާ ހިމާޔަތް ކުރަން މިކަންކަން މަޖުބޫރުކޮށްފަ،" ވާހިދު ވިދާޅުވި
އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސައްކަތުގެ މާހައުލަތުގައި ދިމާވާ ހާދިސާ ތަކުން މީހުން ރައްކާތެރި ކުރަން ވެސް އިންޝުއަރެންސް ބޭނުންވެ އެވެ.

"ރާއްޖޭގައި މިހާތަނަށް ނެތް އެމްޕްލޯޔާސް ލައިބިލިޓީ ގާނޫނެއް. މަަސައްކަތް ކުރުވާ ފަރާތުން، މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭކަށް. މިއަށް ވެސް އެހެން ގައުމުތަކުގައި އޮވޭ. ލައިބިޓީ އިންޝުއަރެންސް ގާނޫނު،" ވާހިދު ވިދާޅުވި އެވެ.

ސްޓޭންޑަޑް ޕްރޮސީޖާ ތަކެއް ވެސް ނެތް!

އިންޝުއަރެންސް ދާއިރާ މިހާރު އޮތް ގޮތުން ދާއިރާގެ އަގުތައް ނެގުމުގައި ވެސް އެކަށީގެންވާ "ސްޓޭންޑަޑް ޕްރޮސީޖާ" ތަކެއް ނެތެވެ. ހަމައެއް ނެތެވެ. އެހެން ވުމުން މީގެ ނާޖާއިޒު ފައިދާ ދަނީ ބޭރުގެ ބައެއް ފަރާތްތަކެވެ، ޕޮލިސީތައް ނެގުމާއި ޕްރިމިއަމް ވެސް ހުރީ ހިތު ހުރި ގޮތަކަށެވެ.

އިންޝުއަރެންސް ބްރޯކާސް އެއްގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއެސްއެސް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ޝިރުހާން ވިދާޅުވި ގޮތުގައި މި ދާއިރާ ރައްކާތެރި ކުރުމަށްޓަކައި އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ.

"ފައިނޭންޝަލް ސެކްޓާގައި މިހާރު ކަންތައްތައް އޮތް ގޮތުން ވަރަށް ގިނަ ބިދޭސީން އެބަ މަސައްކަތް ކުރޭ.
އެކައުންޓެންޓުންނާއި ފައިނޭނަޝަލް ކޮންޓްރޯލާއިންގެ ގޮތުގައި. މި މީހުން ހަގީގަތުގައި މި ކޮންޓްރޯލް ކުރަނީ. އެހެންވީމަ މި ވާގޮތަކީ ގަވާއިދުން ރަނގަޅަށް ދާން ޖެހޭ ގޮތަށް ނުދަނީ،" ޝިރުހާން ވިދާޅުވި އެވެ. "ހާއްސަކޮށް ބޭރުގެ މީހުން. މި ބޭނުން ވަނީ ވިޔަފާރި ހޯދަން. އެހެންވެ، ކުންފުނިތައް ކައިރިއަށް ގޮތް އެހެން އިންޝުއަރެންސް ކުންފުނިތަކުން ދީފައި ހުންނަ އަގުތައް ބަލައި އަގު ދަށްކުރޭ. މިހެން ވަނީ އަގުތައް ނެގުމުގައި މިންގަނޑު ތަކެއް ރާއްޖޭގައި ނެތުމުން. އެކަމަކު މިގޮތަށް ރޭޓް ދައްކޮށްފައި ވަނިކޮށް ހާދިސާއެއް ދިމާވީ. އެ ފަދަ ވަގުތެއްގައި އެ ފަރާތަކީ ތަންކޮޅެއް އާދައިގެ ބައެއްނަމަ އަގު ބަދަލު ދެވޭނެ ގޮތެއް ނޯންނާނެ. މިއީ ކަންބޮޑު ވުމެއް."

ރިސޯޓު އިންޝުއަރެންސް ބޭރުގައި!

ރާއްޖޭގެ އިންޝުއަރެންސް ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ޕްރޮޕަޓީތައް އިންޝުއަ ކުރަން ޖެހޭނީ ރާއްޖޭގަ އެވެ. ރާއްޖޭގެ ކުންފުންޏަކުންނެވެ. ނުވަތަ ރާއްޖޭގައި ވިޔަފާރި ކުރާ ކުންފުނިތަކުންނެވެ. ނަމަވެސް މި ގަވާއިދު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކީ ހުޅުވާ ގިނަ ރިސޯޓުތައް ރާއްޖޭން ބޭރުގައި އިންޝުއަ ކުރުމެވެ. ނަތީޖާއަކީ ބޭރު ފައިސާގެ ބޮޑު ބައެއް ރާއްޖޭން ގެއްލިގެން ދިއުމުގެ އިތުރުން ދިވެހި ކުންފުނި ތަކަށް ބޮޑެތި ގެއްލުން ތަކެއް ވެސް ލިބުމެވެ.

އޮތީ ސުވާލެކެވެ. ރާއްޖޭގައި 140 ރިސޯޓު އޮތްއިރު މި ތަންތަން އިންޝުއަ ކުރެވޭގެ ގާބިލްކަން ރާއްޖޭގައި ނެތީ ބާ އެވެ؟ މި ސުވާލުގެ ޖަވާބު އެލައިޑް އިންޝުއަރެންސުގެ ކުރީގެ އެމްޑީ އަހުމަދު އަމީލު ދާދި ފަހުން ވަނީ ދެއްވާފަ އެވެ.

އަމީލު ވިދާޅުވި ގޮތުގައި މިހާރު އެލައިޑަކީ މި ސަރަހައްދުގައި ވެސް ހުރި އެންމެ ވަރުގަދަ އެއް އިންޝުއަރެންސް ކުންފުންޏަށް ވާނެ އެވެ. އެ ކުންފުނީގެ އިންޝުއަ ކުރުމުގެ ގާބިލްކަން 140 މިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ބަދަލުގެ ގޮތުގައި ކްލައިންޓުން ނަށް 130 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މިއީ ސަރަހައްދުގައި އޮތް އެންމެ އިންޝުއަރެންސް ކެޕޭސިޓީ ހުރި އެއް ކުންފުނި،" އަމީލް ވިދާޅުވި އެވެ.

މިއީ ހަމައެކަނި އެލައިޑުގެ ވާހަކަ އެވެ. ފަހުން އައި ދިވެހި އިންޝުއަރެންސް ވެސް މިހާރު ވަނީ މާކެޓްގައި ފައި ހަމަކުރާ ބްރޭންޑަކަށް ވެފަ އެވެ. އެ ކުންފުނިން ވެސް މި ވިޔަފާރީގެ ބޮޑު ޕަސެންޓެއް ދަނީ ނަގަމުންނެވެ.

ދިވެހި އިންޝުއަރެންސުގެ އެމްޑީ ވާހިދު ވިދާޅުވި ގޮތުގައި ރިސޯޓެއް ހަދަން އަންނަ ބޭރުގެ އިންވެސްޓަރުންގެ ޕްރޮޕެޓީ ރާއްޖޭގައި އިންޝުއަރެންސް ކުރެވޭނެ އެވެ.

"އިންޝުއަރެންސް ގަވާއިދު އޮތް ގޮތުން ހުރިހާ އެއްޗެއް މި އިންޝުއަރެންސް ކުރަން ޖެހެނީ ރާއްޖޭގައި. އެކަމަކު އެ ގަވާއިދު ތަންފީޒެއް ނުކުރެވޭ. އެކަމަކު އެ ގަވާއިދު އިންޕްލިމެންޓެއް ނުކުރެވޭ. މީގެ އެޑްވާންޓޭޖް މި ނަގަނީ ބޭރުން މި އަންނަ ވިޔަފާރި. އެކަމަކު ރާއްޖޭގައި މިތިބި ފަސް ކުންފުންޏަކީ އެމްއެމްއޭ އިން ލައިސަންސް ދީގެން ހަރަކާތްތެރިވާ ކުންފުނި ތަކެއް. އެކަމަކު އެކަން އިންޕްލިމެންޓެއް ނުކުރެވޭ،" ވާހިދު ވިދާޅުވި އެވެ.

އިންޝުއަރެންސް ފުޅާ ކުރަން މަސައްކަތްތަކެއް

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި އިންޝުއަރެންސުގެ ގާނޫނު ހަދަން، އެކަމަށް ހާއްސަ ބިލް ކަމާބެހޭ އިދާރާއަށް ފޮނުވާފައި ވާނެ އެވެ.

"އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި ގަވައިދެއް މަސައްކަތް ވެސް ދަނީ ކުރަމުން. އިރާދަ ކުރެއްވިއްޔާ މި އަހަރު އެ ރެގިއުލޭޝަނަށް އަމަލު ކުރަން ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ،" ނަސީރު
ވިދާޅުވި އެވެ.

މީގެ އިތުރުން "އިންޝުއަރެންސް އެޑްވައިޒަރީ ބޯޑެއް" ހެދުމުގެ މަސައްކަތް ވެސް ކުރައްވަމުންދާ ކަމަށް ގަވަރުނަރު
ވިދާޅުވެ އެވެ.

"އިންޝުއަރެންސާ ގުޅުންހުރި ކަންކަތައްތަކުގައި އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް ހެދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. މި މަސައްކަތާއެކު އުންމީދު ކުރަނީ އިންޝުއަރެންސް ސެކްޓާ އިިތުރަށް ތަރައްގީވެ ފުޅާ ވެގެންދާނެ ކަަމަށް،" ނަސީރު ވިދާޅުވެފައިވެ އެވެ.

ހަލުވި މިނުގައި ކުރިއަރާ އިގްތިސާދަށް އިންޝުއަރެންސް މުހިންމުކަން ބޮޑެވެ. ހާއްސަކޮށް ނާޒުކު ޓޫރިޒަމް ފަދަ ދާއިރާތަކަށް ބަރޯސާވެފައިވާ ރާއްޖެއަށް މި ވިޔަފާރި ފުޅާ ކުރުން މުހިންމުވެ އެވެ.