ހަބަރު

ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓާ ނުލައި އަޑު އުފުލާނަން: ޝާހިދު

މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބު ކަމުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިމޭރުމުން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވާސިޓީތައް ގުޅިގެން މިއަދު ބ. ދިގުފަރު ރިޒޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް" ގެ ނަމުގައި ފެށި ދެ ދުވަހުގެ ވޯކްޝޮޕްގައު ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ޒަމާނުއްސުރެ ޑިޕްލޮމެސީގައި އިސްކަންދީފައި ވަނީ ގައުމީ މަސްލަހަތަށް ކަމަށާއި، ނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ކަމަށާއި ބައިނަލްއަގްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލާނެ ކަމަށެވެ.

އަދި ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރެއްވި އެވެ.