މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ސަރުކާރުގެ އެކި ވުޒާރާތަކަށް ކުއްލިއަކަށް ބަދަލުކުރާތީ ބޮޑެތި އޮޅުންތައް އަރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝިހާބު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ދަށުގައި ކުރިން އޮތް "އާއްމު ހިދުމަތްތަކާ ބެހޭ ބައި" ގައި ހިމެނޭ 350 އެއްހާ މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ގެންދިޔައީ ކުއްލި ގޮތަކަށް ކަމަށެވެ.
"ދެ ގަޑިއިރުގެ ތެރޭގައި ބަޔަކު ކުރަމުން އައި މަސައްކަތެއް އެހެން ބަޔަކަށް ބަދަލު ވެގެން ދިއުމުން ގިނަ ދަތިތަކެއް ކުރިމަތިވާނެ. މީގެ ސަބަބުން ބޮޑެތި އޮޅުންތަކެއް އަރާ،" ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ކަންތައްތައް ކުރަން ވާނީ މަޝްވަރާކޮށްގެން ކަމަށާއި، ނަމަވެސް ސަރުކާރުން ސިޓީ ކައުންސިލާއިއެކު އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"މިގޮތަށް އަމަލު ކުރުމުން އެ މުވައްޒަފުންނަށް ވެސް އޮޅުން އަރާ. މުވައްޒަފުންނަކަށް މިހާރަކު ނޭނގެ މުސާރަ ދޭނީ ކޮން ބައެއް ކަމެއް. ސިޓީ ކައުންސިލުން ކަމެއް. ނޫނީ ހައުސިން މިނިސްޓްރީން ކަމެއް،" ޝިހާބު ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް ބެލުމެއް ނެތި ސަރުކާރުން ގެންނަ މި ބަދަލުތަކުގެ ސަބަބުން މި ކަންތައް އޮތް ގޮތް ސާފު ކުރުމަށް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"ކޯޓަށް އެ މައްސަލަ ލާފައިވާނީ. އެކަމަކު ނޭނގެ ކޯޓުން ބަލައި ގަތް ކަމެއް ނޭނގެ،" ޝިހާބު ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުން ކުރަމުން ދިޔަ ގިނަ މަސައްކަތްތަކެއް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން މިހާރު ކައުންސިލުން ބަލަހައްޓާ މަސައްކަތްތަކުގެ ތެރޭގައި އިމާރަތް ކުރުމަށް ހުއްދަ ދިނުމާއި މާލެއަށް ޖަމާވާ ކުދި އުކާލުމާއި ސަހަރާތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ.