ހަބަރު

ސިންގަޕޫރު ސަފީރު ކަމަށް ޑރ. މައުސޫމް އައްޔަން ކުރައްވައިފި

Feb 18, 2019

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޔަނު ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސް، ޑރ. މައުސޫމަށް މަގާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރެއްވި ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީއިން ޑޮކްޓާ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މައުސޫމް ވަނީ ސަރުކާރުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައެވެ. އެގޮތުން ފުރުއްވި މަގާމުތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ޑރ. މައުސޫމް އަދާކުރައްވާފައިވެއެވެ.

ޑރ. މައުސޫމް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމެވެ.