މާލެ-ހުޅުމާލެ ގުޅޭ ހައިވޭ އާއި ސިނަމާލެ ބްރިޖްގައި ފުލުހުންގެ ޗެކްޕޮއިންޓްތަކެއް ގާއިމްކޮށް ވެހިކަލްތައް ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ، މިރެއިން ފެށިގެން ބްރިޖާއި ހައިވޭގައި ޗެޕްޕޮއިންޓްތައް ގާއިމްކޮށް އުޅަނދުތައް ފާސްކުރަން ފެށީ، މިފަހަކަށް އައިސް ހައިވޭ އާއި ބްރިޖްގައި އަނެއްކާ ވެސް އެކްސިޑެންޓްތައް ގިނަވަމުން އަންނާތީ އެކަން މަދުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ދަށުން ކަމަށެވެ. އެގޮތުން ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބްރިޖާއި ހައިވޭގެ އެކި ތަންތަނުގައި ޗެކްޕޯސްޓް ގާއިމްކޮށް އެ ތަންތަނުން އުޅަނދުތައް ހުއްޓުވާ ޗެކް ކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.