ހަބަރު

ރައީސްގެ ފޭކް އެފްބީ އައިޑީތައް އުޅޭތީ ސަމާލުކަމަށް ގެނެސްފި

Feb 20, 2019
3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމުގައި އެމަނިކުފާނަށް ނިސްބަތްވާ ގޮތަށް ފޭކް ފޭސްބުކް އެކައުންޓްތަކާއި ޕޭޖްތައް ހަދައިގެން އުޅޭތީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

ރައީސް ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ބޭނުން ކުރައްވާ ފޭސްބުކް އައިޑީއަކީ، "އިބްރާހިމް މުހައްމަދު ސޯލިހު" ކަމަށެވެ.

ހޫދު ވިދާޅުވި ގޮތުގައި އެ އައިޑީ ފިޔަވާ ފޭސްބުކުގައި ރައީސް ސޯލިހުގެ ނަމުގައި ހުންނަ އައިޑީތަކާއި ޕޭޖްތަކަކީ އެމަނިކުފާނާ އެއްވެސް ހައިސިއްޔަތަކުން ގުޅުމެއް ނެތް ތަކެއްޗެވެ. އަދި އެފަދަ ޕޭޖްތަކާއި އައިޑީތަކުގެ ކޮންޓެންޓްތަކަކީ އެއްގޮތަކަށް ވެސް ރައީސް ސޯލިހު އެންޑޯސް ކުރައްވާ ތަކެތި ނޫން ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ތަރުޖަމާން ހޫދުގެ ޓްވީޓް.

ރައީސް ސޯލިހުގެ ނަމުގައި ފޭސްބުކްގައި ބައެއް ޕޭޖްތައް ހިންގަމުން އާދެ އެވެ. އަދި އެ ޕޭޖްތަކުގައި ރައީސް ސޯލިހު ވިދާޅުވި ކަމަށް ދޭހަވާ ގޮތަށް ބައެއް ތަކެތި ޝާއިއު ކޮށްފައިވެސް ހުރެ އެވެ. އެކަމާ ގުޅިގެން އާންމުންނަށް ބައެއް ފަހަރު
އޮޅުން ވެސް އަރަ އެވެ.

ރައީސް ސޯލިހު އަކީ ފޭސްބުކްގައި އެހާ ހަރަކާތްތެރި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް، ޓްވިޓާ އާއި އިންސްޓަގްރާމްގައި އެމަނިކުފާނު އެކްޓިވްކޮށް އުޅުއްވަ އެވެ. ރައީސް ސޯލިހުގެ ޓްވިޓާ އައިޑީއަކީ؛ "އިބޫ ސޯލިހު" އެވެ. އަދި އިންސްޓަގްރާމް އައިޑީއަކީ؛ "އިބޫސޯލިހު" އެވެ.