ހަބަރު

އެމްއާރުއެމްއަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފި

އަލަށް އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ އަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ އެކެވެ. މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ހިންގަމުން ގެންދިޔަ ސިޔާސީ ހަރަކާތް ޕާޓީއަކަށް ބަދަލު ކުރަން ނިންމީ ސްޕްރީމްކޯޓުގެ ހުކުމާއެކު، ޕީޕީއެމް އަބުރާ ރައީސް މައުމޫނަށް ނުލިބޭނެ ކަން ޔަގީންވުމުންނެވެ.

އެމްއާރުއެމް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިއްޔެ އިލެކްޝަންސް ކޮމިޝަނުންވަނީ ދީފަ އެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މީހުންގެ ސޮއެ ހަމަކުރަންޖެހޭނެ އެވެ.

އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ އަބުދުލް އަލީމް "އަވަސް" އަށް ވިދާޅުވީ، އެޕާޓީއާ ގުޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަަކަށް ހުޅުވާލާފައިވާ ކަމަށާއި، އެ ޕާޓީއާ ގުޅުމަށް ފޯމް ފުރަމުންދަނީ އެމްއާރުއެމް އޮފީސް ހުންނަ އެންދެރިމާގޭގައި ކަމަށެވެ. އަދި އަތޮޅު ތެރޭ ރަށްތަކަށްވެސް ފޯމްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވަރަށް ގިނަ ފަރާތްތަކުން އެ ޕާޓީއާ ގުޅެމުންދާކަމަށް އަލީމް ވިދާޅުވި އެވެ.

އިލެކްޝަނުން އެޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިއްޔެ ދިނުމުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ރައީސް މައުމޫނުގެ ފިކުރަކީ މީގެ 27 އަހަރު ކުރިއްސުރެ ރާއްޖޭގައި އޮތް ފިކުރެއް ކަމަށާއި، ނަމަވެސް ދިމާވި ގާނޫނީ ސަބަބުތުތަކާ ހެދި ރައީސް މައުމޫނުގެ ފިކުރަށް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ އެހެންކަމުން އެމްއާރްއެމްއިން ކުުރާނެ އެންމެ މުހިންމު މަސައްކަތަކީ މައުމޫންގެ ފިކުރު އަލުން ރާއްޖޭގައި އަށަގެންނެވުން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގާނޫނީ ސަރުކާރު ދެމެހެއްޓުމަކީ ވެސް އެ ޕާޓީގެ މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްއާރްއެމް އަކީ މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. މައުމޫން އެންމެ ފުރަތަމަ އުފެއްދީ ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ އެވެ. އެއަށް ފަހު ޕްރެގެރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުފެއްދެވި އެވެ.