ރާއްޖެ ކުޅިވަރު

ކިރްގިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރާއި ބްރެޒިލްގެ މިޑްފީލްޑަރެއް މާޒިޔާ އަށް

ކިރްގިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރާއި ބްރެޒިލްގެ މިޑްފީލްޑަރެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެ އެވެ.

މާޒިޔާއާ ގުޅުނު ކިރްގިސްތާންގެ ގޯލްކީޕަރު ޕަވެލް މަޓިއަޝް ،27، އަކީ 2009 ވަނަ އަހަރުން ފެށިގެން ކިރްގިސްތާންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރެވެ. އިސްކޮޅުގައި 6 ފޫޓް 2 އިންޗި ހުންނަ މަޓިއަޝް ވަނީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގައި ދިވެހިރާއްޖެއާ ދެކޮޅަށް ކިރްގިސްތާން ކުޅުނު މެޗުގައި ވެސް އެ ޓީމުގެ ގޯލް ބެލެހެއްޓީ މަޓިއަޝް އެވެ.

މާޒިޔާ އަށް ގޯލްކީޕަރެއް ގެންނަން މަޖުބޫރުވީ ގައުމީ ޓީމަށް ކުޅެނިކޮށް ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދަށް އަނިޔާވެ، މި ސީޒަންގައި މާޒިޔާ އަށް ކުޅުމުގެ ފުރުސަތު އޭނާ އަށް ގެއްލުމުންނެެވެ.

މާޒިޔާއާ ގުޅުނު ރޮޑްރިގޯ މަރާންހޯ ،24، އަކީ ބްރެޒިލްގެ އެކި ފެންވަރުގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މި ދެ ކުޅުންތެރިން މާޒިޔާއާ ގުޅުމާއެކު، މާޒިޔާގައި މި ވަގުތު ބިދޭސީ ފަސް ކުޅުންތެރިން އެބަތިއްބެވެ. އޭޝިއާ އަށް ނިސްބަތްވާ އެއް ކުޅުންތެރިއަކާއެކު ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ ބިދޭސީ ހަތަރު ކުޅުންތެރިންނަށެވެ. މަޓިއަޝް އާއި ރޮޑްރިގޯގެ އިތުރުން ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އާއި މެސެޑޯނިއާގެ ޑިފެންޑަރު ޓޯނީ ޑްޒަންގޮރޮވްސްކީ އަދި ޖަޕާންގެ މިޑްފީލްޑަރު ޓޮޝީ ހަޔޯސޭ އަކީ މި ވަގުތު މާޒިޔާގައި ތިބި ބިދޭސީ ކުޅުންތެރިންނެވެ. އެހެންކަމުން ބިދޭސީ އެއް ކުޅުންތެރިއެއް މާޒިޔާ އިން ދޫކޮށްލަން ޖެހެ އެވެ.

މާޒިޔާ ކޯޗު އަލީ ސުޒޭން ކުރިން ބުނީ އިމްރާނަށް އަނިޔާވުމުގެ ކުރިން ރޮޑްރިގޯ ގެންނަން އެ ކްލަބުން ނިންމާފައިވާ ކަމަށެވެ. އެކަމަކު އިމްރާނަށް އަނިޔާވުމުން ގޯލްކީޕަރެއް ވެސް ހޯދަން މަޖުބޫރުވެ، ބިދޭސީ އެއް ކުޅުންތެރިއަކު ދޫކޮށްލަން ޖެހިފައިވާ ކަމަށެވެ. އަދި މިއީ އުނދަގޫ ނިންމުމެއް ކަމަށާއި ނިންމާނީ ކްލަބަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި މަހިބަދޫ ސްޕޯޓްސްއާ ދެކޮޅަށް މާޒިޔާ ނުކުންނާނެ އެވެ.