ހަބަރު

ރާއްޖޭގެ މަސްދޯނިތައް ބޭރުގެ ސަރަހައްދަށް ދިއުން ގިނަ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑު ސަރަހައްދުން ބޭރުން ރާއްޖޭގެ މަސްދޯނިތައް މަސްބޭނުމަށް ދާދިއުން މިހާރަކަށް އައިސް ގިނަވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިންޑިއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް އިންޑިއާއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އަތުލައިގަނެފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އެދުމުގެ މަތީިން އެދޯނި ވަނީ ފަޅުވެރިންނާއެކު ދޫކޮށްލާފަ އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމެއްގައި ކޯސްޓް ގާޑްގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިން އެހެން ސަރަހައްދުތަކަށް ގޮސް މަސްބާނަން މަސައްކަތް ކުރާ ކަމަށާއި އެކަމަކީ ވަރަށްވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"އިންޑިއާގެ ކޯސްޓްގާޑުން މަލިކަށްވުރެވެސް އިންޑިއާގެ އެތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ވަނީ ހިފަހައްޓާފައި، ހަގީގަތަށް ދަންނަވާ ކަމަށްވާނަމަ މީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ހިނގަމުންދާ ކަންކަން، އެފަދަ މައުލޫމާތުތައް އަޅުގަނޑުމެންނަށްވެސް ލިބެމުންދޭ،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ، އެފަދަ މައުލޫމާތު ލިބުމުން ސެޓެލައިޓް ފޯންތަކުން އެފަރާތްތަކާއި ގުޅާ އަންގާފައިވާނެ ކަމަށެވެ. ވަރަށް ގިނަ ދޯނި ފަހަރަށް އެމައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއަން ކޯސްޓްގާޑްގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މައުލޫމާތު ފޯރުކޮށްދޭ މިހާރު މިހިރަ ހިސާބެއްގައި ރާއްޖޭގެ މަސްވެރިން މަސައްކަތް ކުރަމުންދާ ކަމަށް،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބައެއްފަހަރު މަސްވެރިކަން ކުރަމުންދާ އުޅަނދު ފަހަރު އަތުލައި ނުގަނެ، އިންޑިއާގެ ކޯސްޓްގާޑުން އެއުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދަށް ވަރަށް ގިނައިން ގެނެސްދީފައިވެސް އެބަހުރި ކަމަށެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، އެފަދަ ފަރާތްތަކާމެދު މިހާތަނަށް ފިޔަވަޅު އަޅާފައިނުވާނެ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ނަސޭހަތްދީ އެގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.