ހަބަރު

ހަނގުރާމައަށްދިޔަ ހަ އާއިލާއަކުން ރާއްޖެ ގެނެސްދޭން އެދެފި

Feb 20, 2019
15

ބައެއް ގައުމުތަކުން ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ ބައެއް ދިވެހި އާއިލާތަކުން ރާއްޖެ ގެނެސްދިނުމަށް އެދެމުންދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، މިހާރުވެސް އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ދުނިޔޭގެ އެކި ހަނގުރާމަތަކުގައި ދިވެހިން ބައިވެެރިވަމުން ދިޔުން ކަމަށެވެ.

"މިކަމާ ގުޅިގެން ރާއްޖެއަށް ވަރަށް ގިނަ ސުވާލުތަށް ކުރިމަތި ކުރުވާ ބައިނަލް އަގުވާމީ ކޮމިއުނިޓީ އިން، އަޅުގަނޑުމެންގެ ތެރެއިންވެސް ކީއްވެހޭ އެތަންތަނަށް ދަތުރުކޮށްފައި އެދަނީ އެކިއެކި ނަންނަމުގައި، މިކަމަކީ މިހާރަކަށް އައިސް ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމެއް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެތަންތަނަށް ގޮސްތިބި ބައެއް ފަރާތްތައް ބިކަވެ، އެއާއިލާތަކުން ރާއްޖެ ގެނެސްދިނުމަށްއެދި ބައެއް މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ.

"ރާއްޖޭގެ ކޮންފްލިކް ޒޯންތަކަށް އެކި ޖަމާއަތްތަކާއި ގުޅިގެން ބޭރަށް ގޮސްތިބި މީހުންގެ އަދަދު ކުރިންވެސް ވާނީ ހާމަކޮށްފަ، މިހާރު އަދަދެއްގެ ގޮތުގައި މިދަންނަވަނީ 61 ފިރިހެނުން، އެއީ އާއިލާތަކާއި ވަކިން، އަޅުގަނޑުމެންގެ އާބާދީއާ ބަލާފައި އެއީ ވަރަށް ބޮޑު އަދަދެއް، ދެން މިހާރަކަށް އައިސް ފިރިމީހާ ހަނގުރާމާގައި ނިޔާވެގެން އާއިލާތައް އެކަހެރި ވެގެން ބާކީވެގެން ގޮތެއް ނެތިގެން ގުޅާ އާއިލާތައް، އޭގެ ތެރޭގައި ހައެއްކަ ފަރާތުން އަޅުގަނޑުމެންނަށް އެބަ ގުޅާ،"
ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެފަރާތްތައް ރާއްޖެ ގެނައުމަށް ވަރަށް ގިނަ ޗެލެންޖެސްތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތެއްގެ އައިޑީކާޑް ނެތުމާއި ދިވެހި ރައްޔިތެއްކަން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން ސާބިތު ކޮށްދެވޭނެ އެއްވެސް
ކަމެއް ނޯންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އާއިލާގެ މިވަނަ މީހަކު ކުޑަކުދިންނާއި އަންހެނުންނާއެކު ތިއްބޭ ވަރަށް އެކަނިވެރި، އެކަހުރި ގޮތެއްގައި، އެމީހުން ރާއްޖެއަށް އަނބުރާ ގެނެސްދޭނެ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދިނުމަށް އެބައެދޭ މިހާރަކަށް އައިސް،"
ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެފަދަ ތަންތަނަށް ގޮސް އިޖްތިމާއީ ގޮތުން ނޭދެވޭ އަސަރު މުޖުތަމައަށް ކުރަމުންދާ ކަންކަން ކަމަށެވެ. އެކަންކަން ހުއްޓުވުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށްގެންދާ ކަންކަން ކަމަށެވެ.

ޒަކަރިއްޔާ އިތުރަށް ވިދާޅުވީ، އެގޮތަށް ރާއްޖެ ގެނެވޭ ފަރާތްތައް އަލުން މުޖުތަމައަށް ދޫކޮށްލަނީ، ދޭންޖެހޭ ރިހެބިލިޓޭޝަނާއި މުޖުތަމައަށް އަލުން އަނބުރާނެރުމަށް ފިކުރާއި ވިސްނުން ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާ ކަމަށެވެ.