ހަބަރު

އެސްއޯއެފުން ފައިސާ ޖަމާވި މޭޖާ ނަވީނަށް ފިޔަވަޅު އަޅާނެ: ޝަމާލް

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތު މައްޗަށް އޭސީސީން އެކުލަވައިލި ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފުން ފައިސާ ޖަމާވި މޭޖާ ނަވީން ޒުބައިރަށް ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޭސީސީއިން އާންމުކުރި ރިޕޯޓްގައިވާ ގޮތުން މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް އެސްއޯއެފް އިން 100،000 ޑޮލަރު ޖަމާކޮށްފައި ވެއެވެ.

ކޯސްޓްގާޑް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މޭޖާ ނަވީން ޒުބައިރު މިވަގުތު ހުންނެވީ ވޯކްޝޮޕެއްގައި ރާއްޖޭން ބޭރުގައި ކަަމަށާއި އެހެންކަމުން މިވަގުތު ފިޔަވަޅު އަޅަން ދަތި ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ޕޮލިސީތަކާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ، މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް އެސްއޯއެފް ފައިސާ ޖަމާކޮށްފައިވާކަން އިނގިފައިވަނީ އޭސީސީއިން ރިޕޯޓް ނެރުނު ފަހުން ކަމަށެވެ.

"މޭޖާ ނަވީން ޒުބައިރު މި ވަގުތު ހުންނެވީ ވޯކްޝޮޕެއްގައި ރާއްޖޭން ބޭރުގައި، ދެތިން ހަފުތާއެއްގެ ވޯކްޝޮޕެއްގައި، ރިޕޯޓް ނިކުތުމާ އެކީގައި އަޅުގަނޑުމެންނަށް ވެސް އެ ނަން ފެނުނީ، ދެން ނަވީންއާ ދޭތެރޭގައި މިހާރުން މިހާރަށް ރާއްޖޭން ބޭރުގައި ހުންނެވީމާ ސުވާލުކޮށް ކަންތައް ކުރަން އަޅުގަނޑުމެންނަށް އެބަހުރި ބައެއް ލިމިޓޭޝަންސް، އެހެން ނަމަވެސް ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ޕޮލިސީ ލެވެލުން ހަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން،" ޝަމާލް ވިދާޅުވި އެވެ.

ނަވީން އަށް ފިޔަވަޅު އަޅާނެ ކަމަށް ޝަމާލް ވިދާޅުވެފައިވާއިރު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފަ އެވެ. އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވެއެވެ. އަދި އަކުރަމްކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު ޖަމާކޮށްފައި ކަމަށް އޭސީސީގެ ރިޕޯޓްގައިވެ އެވެ.

ގިނަ ދުވަސް ވަންދެން ސިއްރު ކޮށްފައި އޮތް އެ ރިޕޯޓް އޭސީސީއިން އާންމު ކުރި އިރު، އެފްއޭމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އެކައުންޓަށް ވެސް ވަނީ 100،000 ޑޮލަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ވަނީ 424،255 ޑޮލަރު ޖަމާކޮށްފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މެންބަރު ހުސެން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ވަނީ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ޖަމާވެފަ އެވެ.