އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފް ކުންފުނިން ސިފައިންގެ މޭޖާ އަކަށް ފައިސާ ޖަމާކުރި މައްސަލައިގައި އެ ފައިސާ ލިބުނު ސިފައިންގެ މީހާޔާއި އިތުރު ސިފައިންގެ މީހަކު ގޭގައި މަޑުކުރަން އަންގައިފި އެވެ.
އެސްއޯއެފްއިން ފައިސާ ލިބުނު ކަމަށް އެ ރިޕޯޓްގައި ބުނާ 155 މީހުންގެ ތެރޭގައި، ހިމެނޭ މޭޖާ އިބްރާހިމް ނަވީން ޒުބައިރުއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މީގެ ކުރިން
ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އަވަސްއިން ސުވާލުކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އޭސީސީއިން އާންމުކުރި ހިޔާނާތުގެ ބޮޑު ރިޕޯޓާ ގުޅިގެން ސަރުކާރުން އެ މައްސަލަ ބަލާތީ ފިޔަވަޅު އަޅާފައި ވަނީ މޭޖާ އިބްރާހިމް ނަވީން ޒުބައިރުގެ އިތުރުން ސާޖެންޓް އިސްމާއިލް ޝަކީބްގެ މައްޗަށް ކަމަށެވެ. އެދެ ބޭފުޅުން ވެސް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އޭސީސީގެ ރިޕޯޓްގައިވާ ގޮތުގައި، މޭޖާ ނަވީންއަށް ވަނީ އެސްއޯއެފްއިން 100،000 ޑޮލަރު ޖަމާކޮށްފަ އެވެ. އެހެން ނަމަވެސް ސޭޖެންޓް އިސްމާއިލް ޝަކީބްގެ ނަމެއް ފައިސާ ލިބުނު މީހުންގެ ތެރޭގައި ނެތެވެ. އެހެން ނަމަވެސް، މީޑިއާ އޮފިސަރު އާޒިމް ވިދާޅުވީ ޝަކީބް ވެސް ސަސްޕެންޑް ކުރީ އެސްއޯއެފްގެ ހިޔާނާތުގެ ރިޕޯޓާ ގުޅިގެން ބަލަމުންދާ އެ މައްސަލައާ ގުޅިގެން ކަމަށެވެ.
ސިފައިންގެ ތެރެއިން ނަވީން އާއި ޝަކީބްގެ އިތުރުން އެ ރިޕޯޓްގައި ފައިސާ ލިބުނު ކަމަށް ބުނާ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް ވަނީ ގޭގައި މަޑުކުރަން ރައީސް އަންގަވައިފަ އެވެ. މީގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރަކާއި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް ވެސް ވަނީ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
އޭސީސީއިން މިހާރު އަންގާފައިވާ ގޮތުގައި މިނިސްޓަރު މަހުލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް އެ އިދާރާއިން ބަލަމަކުން ނުދެ އެވެ. އަދި އެ ބޭފުޅުންގެ މައްސަލަތަކާ ގުޅޭ ގޮތުން ފާހަގަވި ކަންކަން އޭސީސީއިން ވަނީ ރައީސްއާ ވެސް ހިއްސާކޮށްފަ އެވެ.