ހަބަރު

ބޮޑު ހިޔާނާތް އެނގިތިބެ އެމްއެމްއޭ އިން ދިނީ ބީރުކަންފަތެއް: ރިޕޯޓް

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ ގާބިލުކަން ނެތް މިންވަރަށް މިލިއަނުން މުއާމަލާތްކުރިކަން، މަރުކަޒީ ބޭންކުން ތަހުގީގު ކުރި ނަމަވެސް، އެކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން މިއަދު އޭސީސީން އާންމުކުރި ރިޕޯޓުން ހާމަވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށްފަހު، އޭސީސީން ނެރުނު 700 އަށް ވުރެ ގިނަ ސޮފްހާގެ ރިޕޯޓުގައިވާ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފް އިން ހުޅުވާފައިވާ އެކައުންޓުތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާތީ، އެކަން ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުގެ ސަމާލުމަކަށް ގެނެސްފަ އެވެ.

އެގޮތުން، ނޮވެމްބަރު 2014 ގައި ބީއެމްއެލްއިން ވަނީ 59,748,000.00 (ފަންސާސް ނުވަ މިލިއަން ހަތްލައް ސާޅީސް އަށްހާސް) ރުފިޔާގެ ޗެކެއް އެސްއޯއެފް އަށް ޖަމާވުމުން، އެކަން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) އެއްގެ ގޮތުގައި ރަސްމީކޮށް އެފްއައިޔޫއަށް ފޮނުވައިފަ އެވެ.

އެފްއައިޔޫގެ އޭރުގެ ހެޑް އަހުމަދު އާތިފް ޝަކޫރު އޭސީސީއަށް ދެއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، ބީއެމްއެލް އިން އެސްޓީއާރު ފޮނުވާފައިވަނީ، ބޮޑު ޢަދަދަކުން ފައިސާ ނަގަނީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދުބޭރު ފައިސާ ގަތުމަށް ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ބުނި ނަމަވެސް، އެ ކުންފުންޏަށް އެފަދަ ލިޔުމެއް ދެއްކިފައި ނެތުމުންނެވެ.

އެ އެސްޓީއާރު ލިބުމާއެކު، އެސްއޯއެފް އާއި ގުޅޭ ތަހުގީގެއް ކުރެވުނު ކަމަށާއި، އެކަމާއި ގުޅޭ ރިޕޯޓެއްވެސް އެކުލަވާލެވުނުކަމަށް ވެސް އާތިފްގެ ބަޔާނުގައިވެ އެވެ. އެ ތަހުގީގު ކުރި، އެފްއައިޔޫގެ ސީނިއާ މެނޭޖަރު އަބްދުﷲ އަޝްރަފް ވެސް ވަނީ އެސްއޯއެފް އެކައުންޓުން ވަރަށް ބޮޑެތި ޢަދަދުތަކުން ވަރަށް ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަން ފާހަގަކުރެވުނުކަމަށާއި އެޓްރާންސެކްޝަންތަކުގެ ބޮޑުބައެއް ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި އެކައުންޓުން ބޭރުކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް އޭސީސީއަށް ބަޔާން ދީފަ އެވެ.

އެސްއޯއެފްއަށް ކުއްލި މުއްސަނދިކަން!

އެސްއޯއެފް އާއި ގުޅޭގޮތުން އެފްއައިޔޫއިން ކުރި ތަހުގީގުގައި، ނޮވެމްބަރު 2012 ގައި އުފެއްދި ކުންފުނިން އެއް އަހަރު ދުވަހުގެ ތެރޭގައި އެހާ ހަރަކާތްތެރި ނޫންކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް، ސެޕްޓެމްބަރު 2014 ވަނަ އަހަރު ޖީއެސްޓީ ރަޖިސްޓްރޭޝަނަށް ހުށަހެޅުމަށްފަހު، އެ ކުންފުނިން އެއްވެސް މުދަލަކާއި ހިދުމަތުގެ ވިޔަފާރިއެއް ކޮށްފައިނުވި ނަމަވެސް، އެ ކުންފުނީގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓްސްތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ކޮށްފައިވާކަން އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކުންފުނި އުފެދުނުތާ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފަހުން، ބީއެމްއެލްގައި އެކައުންޓެއް ހުޅުވައި، ބޮޑެތި އަދަދުތަކުގެ މުއާމަލާތްތަކުން ހަރަކާތްތެރިވާން ފަށާފައިވަނީ ޖުލައި 2014 އިން ފެށިގެންކަމަށް އެފްއައިޔޫގެ ރިޕޯޓުން އެނގޭކަމަށް އެސީސީން ބުނެފައިވެ އެވެ.

މިގޮތުން، ޖުލައި 2014 އިން ފެށިގެން ޑިސެންބަރުގެ 2014 ގެ ނިޔަލަށް އެސްއޯއެފްގެ އެކި އެކައުންޓްތަކަށް އެންމެ ފުރަތަމަ މުޅި ޖުމްލަ 18.2 މިލިއަން އެމެރިކާ ޑޮލަރު ވަދެފައިވާކަމަށް އެނގިފައިވެ އެވެ.

ނަމަވެސް އެފަދަ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގިދާނެވަރުގެ ވިޔާފާރިތައް ހިންގާކަމުގެ މައުލޫމާތެއް އެ ކުންފުނީގެ ޓެކްސް ފައިލިންގްތަކާއި އަހަރީ ރިޕޯޓުތަކުގައި ހާމަނުކުރާކަންވެސް ފާހަގަކޮށްފައިވެ އެވެ.

ޝައްކު ކުރެވޭ ބޮޑެތި މުއާމަލާތްތައް އިތުރަށް ތަހުގީގެއް ނުކުރި!

މިފަދަ ބޮޑެތި އަދަދުތަކުން، ކުޑަ ކުންފުންޏަކުން ކުރަމުންދިޔަ މުއާމަލާތްތަކަކީ އާދަޔާ ހިލާފުކަމެއް ކަމުގައި ވީ ނަމަވެސް، އެ މުއާމަލާތްތަކުން މަނީ ލޯންޑަރިންގަށް ޝައްކުކުރެވޭ ވަރުގެ އިންޑިކޭޝަންއެއް ލިބިފައިނުވާކަމަށް އެފްއައިޔޫގެ ތަހުގީގުން ވަނީ ނިންމާފައި އެވެ. އަދި އެކަމާއި ގުޅިގެން އެކަން އިތުރަށް ތަހުގީގުކުރަން، ތަހުގީގީ އިދާރާއަކަށް ފޮނުވަން ނުޖެހޭކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިހުމާލުގެ ޒިންމާ ނަގާނެ ވެރިއަކު ނެތް!

އާތިފް ޝަކޫރު އޭސީސީއަށް ދިން ބަޔާނުގައިވަނީ އޭރުގެ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމަށް އަމާޒުވާ ގޮތަށް ތުހުމަތު ކުރައްވައިފަ އެވެ. މިގޮތުން، އެސްއޯއެފްއާއި ގުޅޭގޮތުން އިތުރު ތަހުގީގެއް ކުރަންޖެހޭކަމަށް އަޒީމާ އަރިހު ދެންނެވި ކަމަށާއި، ވަސީލަތްތައް ނެތުމުން، ހަމައެކަނި ބޭރުގެ ކަޅު ފައިސާއާއި ގުޅޭ މުއާމަލާތްތަކަށް އެކަނި ސަމާލުކަން ދިނުމަށް ވިދާޅުވިކަމަށް، އާތިފުގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އަޒީމާ ވަނީ އެކަން ދޮގުކުރައްވައި، އެސްއޯއެފް އާއި ގުޅޭ ނުވަތަ އެ ނޫންވެސް އެސްޓީއާރުއަކާއި ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދެއްވާފައިނުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެސްއޯއެފް އާއި ގުޅޭގޮތުން އެކި ފަހަރު މަތިން ބައްދަލުކުރެވި، މަޝްވަރާކުރެވުނުކަމަށް އާތިފު ވިދާޅުވި ނަމަވެސް، އެކަންވެސް އަޒީމާ ވަނީ އޭސީސީއަށް ދެއްވި ބަޔާނުގައި ދޮގުކުރައްވައިފަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، އެސްއޯއެފްއަށް ޖަމާކޮށްފައިވާ ފައިސާއަކީ އެ ކުންފުނިން ފޯރުކޮށްދިން ހިދުމަތަކަށް ލިބުނު ފައިސާ ނޫންކަން އެފްއައިޔޫގެ ތަހުގީގަށް އެނގޭއިރު، އެ މައުލޫމާތްތަކަކީ މަނީ ލޯންޑަރިންގް އަށް ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ކަމަށެވެ.

އަދި، އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީ އިން ޖަމާކޮށްފައިވާ ފައިސާކަން އެފްއައިޔޫގެ ތަހުގީގުން ހާމަވެފައިވާއިރު، އެ ފައިސާއަކީ ކޮރަޕްޝަނުން ހޯދި ފައިސާ ކަމުގައި ބެލުމުގެ ފުރުސަތު އޮތްކަން ވަނީ އޭސީސީން ފާހަގަކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ޖުމަލް 1.3 ބިލިއަން ރުފިޔާއަށް ވަނީ އެމްއެމްޕީއާރުސީން ހިޔާނާތްތެރިވެފަ އެވެ.