ހަބަރު

ބޮޑު ހިޔާނާތުގެ ރިޕޯޓާ އެކު އޭސީސީއަށް ތުހުމަތާއި ފާޑުކިޔުން

Feb 15, 2019
2

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓް އޭސީސީއިން އާންމު ކުރުމާ އެކު އެ ރިޕޯޓް އެކުލަވާލި އިރު، ބައެއް މައުލޫމާތުތައް ސިއްރުކޮށް އަދި ރިޕޯޓް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

އެ ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތަކާ މެދު އެންމެ ފުރަތަމަ މައްސަލަ ޖެއްސީ އެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން މަސައްކަތް ކުރި އޮޑީޓާ ޖެނެރަލްގެ މަގާމުން ވަކިކުރި ނިޔާޒު އިބްރާހިމް އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އޭސީސީގެ ރިޕޯޓުން އެ ހިޔާނާތުގެ ހަގީގީ މަންޒަރު ނުފެނި، ފެނުނީ އެ ހިޔާނާތުގެ ބައިކުޅަބަ އެވެ. ސަބަބެއް ކަމަށް ނިޔާޒު ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓަށް ވަތް އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާއިން ނަގާފައި ހުރި އިރު ފައިސާ ލިބުނު ފަރާތްތައް އެ ރިޕޯޓްގައި ހޯދިފައި ނުވަނީ އެވެ. އޭގެ ތެރޭގައި، އޭސީސީގެ މެންބަރުންގެ އާއިލާގެ ބޭފުޅުން ހިމެނޭ ނަމަވެސް، އެ ފަރާތްތަކުގެ ނަންތައް އޭސީސީއިން ގަސްތުގައި ވަނީ ރިޕޯޓްގައި ސިއްރުކޮށްފަ އެވެ.

"އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު (އޭސީސީ ރިޕޯޓްގައި ހާމަކޮށްފައި ނުވާ) އޭސީސީއާ ހިއްސާ ކުރެވިފައިވާނެ. އެ ފަރާތްތަކުގެ ނަން އޭސީސީއިން ހާމަނުކުރަނީ ކީއްވެ ކަމެއް ނޭނގޭ. ނަމަވެސް ޔަގީންވާ ކަމަކީ އޭސީސީގެ ބައެއް މެންބަރުންނާ އާއިލީ ގޮތުން ގުޅުން އޮތް ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭކަން،" ނިޔާޒުގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވި އެވެ.

ނިޔާޒު ވިދާޅުވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވި މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދިވެސް އެ މަގާމުތަކުގައި އެބަ ތިއްބެވި އެވެ. އަދި ހިޔާނާތުުގެ ފައިސާ ލިބުނު ބައެއް ބޭފުޅުން ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާ އިރު އެކަން ވެސް އެ ރިޕޯޓާ އެކު ސާފުވެގެން ނުދިޔުމަކީ ކަންބޮޑުވުމެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ހަތްސަތޭކަ ސޮފްހާއަށް ވުރެ ދިގު އެ ރިޕޯޓް ވިދާޅުވުމަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވީ، އެ ރިޕޯޓުން އެނގުނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމުގައި އޭސީސީ ނުކުޅެދިފައިވާ މިންވަރެވެ. ސަބަބެއް ކަމަށް ފާއިޒް ވިދާޅުވީ، މައްސަލައާގުޅޭ މުހިއްމު ފަރާތްތަކާއި ސުވާލުކޮށް އޭސީސީ އިން ހިޔާނާތުގެ ހަގީގަތް ހޯދާފައެއް ނުވެ އެވެ. އަދި އެއީ ޓެކްނިކަލް ގޮތުން ބަލާއިރު ވަރަށް ފެންވަރުދަށް އަދި ފުރިހަމަނުވާ ރިޕޯޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެރިޕޯޓަކީ މުޅިމައްސަލައިގެ ފުރިހަމަ ތަޙުޤީޤީ ރިޕޯޓެއް ގޮތުގައި ނުބެލެވޭ. މައްސަލައާ ގުޅޭ ޖައުހަރީ އެތައްކަމެއް ސާފުނުކޮށް ދޫކޮށްލާފައިވޭ މައްސަލައާ ގުޅޭ މުހިއްމު ފަރާތްތަކާއި ސުވާލުކޮށް ހަގީގަތް ހޯދާފައިނުވޭ،" ފާއިޒް ވިދާޅުވި އެވެ. "އެތައްބަޔަކު އުއްމީދުކުރިވަރާ ގާތައްވެސް ރިޕޯޓުގައި ހަގީގަތް ފުރިހަމަޔަށް ހާމަކޮށްދެވިފައިނުވޭ،"

އެބޭފުޅުންގެ އިތުރުން ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރި ބައެއް އާންމުން ބުނި ގޮތުގައި، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އޭސީސީގެ މެންބަރުންނަށް ނުއަގުގައި ރެހެންދި ފްލެޓް ހިބަކޮށް ދިނުމަކީ މި ޖަރީމާތަކުގެ ފެށުމެވެ. އެހެން އެކަން އޮއްވާ އޭސީސީއަށް މިނިވަން ތަހުގީގެއް ހިންގި ދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

މީގެ އިތުރުން، 2017 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއް މިހާ ދުވަހު އާންމުނުކޮށް ބޭއްވުމަށް ފަހު ކުއްލިއަކަށް އާންމު ކުރުމުން އެ ރިޕޯޓް ނެރުނު މަގުސަދާ މެދުވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި އެހާ ގިނަ ދުވަހަށް ފަހު ރިޕޯޓް ނެރުނު އިރު އެ ރިޕޯޓްގައި ނަގުދު ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމާތުތައް އެނގެން ނެތުމުން އެ ޖަރީމާގެ އަޑި ހޯދިފައި ނުވާ ކަަމަށް ބުނެ ވެސް ފާޑުކިޔުން އެބަ އޮތެވެ.