އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަތިން ދަނީ ހަނދާން ނެތެމުން: މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަތިން ހަނދާން ނެތެމުންދާ ކަމަށާ އެކަމާ ރައްޔިތުންގެ މަންދޫބުން --ރައްޔިތުންގެ މަޖިލީހުގެ މެންބަރުން-- އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިގެން އުޅުއްވާތީ ފެނިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެންބަރު ކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވެވި ކުރީގެ ޕީޖީ މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ހަސަން ލަތީފްގެ ޓްވީޓްގައި ވިދާޅުވީ ކޮން ބައެއްކަންވެސް ނޭންގޭ ބަޔަކަށް ދައުލަތުން 31 މިލިއަން ރުފިޔާ ދިނުން ބައެއް ބޭފުޅުންނަށް ކުޑަކޮށްވެސް އައިބު ކަމަކަށް ނުވާ ކަމަށެވެ. އަދި އެބަޔަކު ގެންނަން އުޅުނު ވެންޓިލޭޓަރުތައް ލިބިފައިނުވާއިރު އެ ވާހަކަ ދައްކައިގެން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އުޅޭ އުޅުން ބައެއް ބޭފުޅުންނަށް އައިބު ކަމަކަށްވާ ކަމަށެވެ.

ހަސަން އެ އިޝާރާތް ކުރައްވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 60 ވެންޓިލޭޓަރު ނުލިބި އަދި އޭގެ ފައިސާވެސް ލިބޭނެ ގޮތް ނުވެ ލިބުނު ވެންޓިލޭޓަރުތަކުގައިވެސް މައްސަލަތައް ހުރިއިރު އެކަމާއި ގުޅިގެން ޒިންމާވާން ޖެހޭ މީހުންނަށް ދައުވާ ކުރަން ފޮނުވުމުން ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަަށް ނިންމާ ޕީޖީން އެކަން އޭސީސީއަށް އެންގި އެންގުމަށެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި ޕީޖީއާ ދެމެދު އުފެދުނު ނުތަނަވަސް ކަމަށެވެ.

ހަސަން ލަތީފްގެ ޓްވީޓަށް ދެއްވި ޖަވާބެއްގައި މުއިއްޒު ވިދާޅުވީ އެކަމަށްވުރެ ބޮޑު އައިބު ކަމަކަށްވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަޔިން ހަނދާން ނެތެމުންދާތީ ކަމަށެވެ. އަދި އެ މާސިންގާ ހިޔާނާތުގައި ގެއްލުނު އެންމެ ލޯ ލާރިއެއްވެސް އަނބުރާ ހޯދިފައިނުވާތީ ކަމަށެވެ.

"އަދި އެކަމާ [އެމްއެމްޕީއާރުސީގެ ހިޔާނާތް] ރައްޔިތުންގެ މަންދޫބުން އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައިގެން އުޅުއްވާތަން ނުފެންނާތީ،" މުއިއްޒު ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރީ އެކަމަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށްވާ ދުބާއީގެ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށެވެ. އޭސީސީން ބުނާ ގޮތުގައި އެ ކުންފުނިން ވެންޓިލޭޓަރުތައް ގަނެދިނުމަށް ހުށަހެޅި 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ ޕާފޯމަންސް ގެރެންޓީއަކާއި އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަށް ދީފައިވާ ލަފައާއި އެއްގޮތަށް އެކަން ނުކޮށް އެއްބަސްވުމެއް ހެދުމެއް ނެތި ކަމަށެވެ.