ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ގއ. ކޫއްޑޫއަށާއި އެ އަތޮޅު ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެއަތޮޅު ކައުންސިލް މެންބަރުންނާއި އެރަށުގެ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް، ހުވަދު އަތޮޅު ކައުންސިލާއި ކުރެއްވި ބައްދަލުވުމުގައި އެއަތޮޅުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭ ގޮޮތުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އަތޮޅުގެ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތާއި ރަށްރަށުގެ ކަންކަން ތަރައްގީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާ ކުރައްްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން އަތޮޅު ކައުންސިލު މެންބަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ގޮތުން ރަށްރަށުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަން ރައީސްއަށް ދެންނެވި އެވެ. މީގެ އިތުރުން އަތޮޅުގެ ރަށްރަށުގައި ކުށް ގިނަވަމުން ދާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވި ކަމަށްވެސް ރައީސްް އޮފީހުން ބުންޏެވެ.
ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގއ. އަތޮޅު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ބަޖެޓު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވަނީ މިއަދު ގއ. ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވާފަ އެވެ. އެބައްދަލުވުމުގައި ވިލިނގިލީ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާއި ރަށުގެ ތަރައްގީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން ރައީސްއާ ހިއްސާ ކުރެއްވިއެވެ.
މިގޮތުން ވިލިނގިލީގައި ފުރިހަމަ ނުވާ އުމްރާނީ ވަސީލަތްތަކާއި އަސާސީ ހިދުމަތްތައް ހުރިކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސަށް އެރުވި އެވެ. އަދި ރަށުގެ އިޖުތިމާއީ ތަރައްގީއަށާއި އިގްތިސޯދީ ތަރައްގީއަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަންވެސް ރައީސްއާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވިލިނގިލީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ސަރުކާރުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއެކު ބާއްވަވާ މިފަދަ ބައްދަލުވުންތަކުގެ ބޭނުންފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުންކަން ކަމަށާއި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ. އަދި އަތޮޅު ހޮސްޕިޓަލަށްވެސް ރައީސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.