ހަބަރު

އަމާޒަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދިނުން: ރައީސް

ހަގީގީ ތަރައްގީ ފެންނާނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ކާޑް އިފްތިތާހް ކުރުމަށް ގއ. ކޫއްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް މުހިންމުކަމެއް ދޭނެ ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ އާއި އިގްތިސޯދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު މަސްވެރިކަން އާޖީލަކަށް ގެންގޮސްދިނުމަކީ އަމާޒެއް ކަމަށެވެ. އަދި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމުގެ އިގްތިސާދުގައި މަސްވެރިކަމުގެ ހިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަހުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ސިނާއަތަކީ އެއް އާއިލާއެއް، ސަރުކާރާއި މަސްވެރީންނާއި، މަސްވެރީންނަށް ހިދުމަތްދޭ ކުންފުނިތަކަކީ ވެސް މިސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މި ސިއާނަތުގެ ބައިވެރިން، އަޅުގަނޑުމެން އެންމެންގެ އޮންނަންވާނީ އެއް އަމާޒެއް، އެއީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، ރައްޔިތުމީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދިނުން، ހަގީގީ ތަރައްގީ ފެންނަން ފަށާނީ އޭރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަދަކީ ދިވެހި މަސްވެރީންނާއި މަސްވެރި އާއިލާތަކުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ދުވަހެއް ކަމަށެވެ. މަސްވެރީން އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަ ޝަކުވާތައް ނިމުމަކަށް އައި ދުވަސް ކަމަށެވެ. އަދި މިއަދަކީ މަސްވެރިންކުރާ މަސައްކަތްތަކަށް ހަގީގީނަފާ ލިބިގެންދާނެ ދުވަސް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްކިރުމުން ވަގުތުން ފައިސާ ލިބިގެންދާނެ ނިޒާމެއް ނެތުން، ދެން ހުރި އަނެއް ޝަކުވާ އަކީ ބޭންކިން ނިޒާމްގެ ތެރޭގައި މަސްވެރިން ނުހިމެނޭ މައްސަލަ، މި ޝަކުވާތައް އަޑުއެެހުމަށްފަހު އަޅުގަނޑުމެން ވައުދުވީ މަސްދޯނި އެކައުންޓް ހުޅުވާދީ ބޭންކިން ތެރެއަށް ވަދެވޭނެ މަގު މަސްވެރިންނަށް ފަހިކޮށްދިނުން، މިއަދަކީ އެވައުދު ފުދިގެންދާ ދުވަސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ގައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަންޏެއް ނޫން ކަމަށާއި ގައުމީ އާމްދަނީ އިން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށް ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، ކްރެޑިޓް ސްކީމްތަކާއި ލޯން ސްކީމްތަކުގައި ފަސޭހައިން ބައިވެރިވެވޭނެ ގޮތެއް ނެތުމަކީ ވެސް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި މަސްވެރި ރަށްރަށުގައި ފައިސާ ރައްކާކޮށް ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމަކީވެސް ވަރަށް ބޮޑު ޝަކުވާ އެއް ކަމަށެވެ. "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ހިދުމަތާއެކު މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލައިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަސްވެރިޔާ ކާޑްގެ ހިދުމަތް ފެށުމުން މަސްކިރުވުމާއެކު އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދެވޭނެ، ކެޔޮޅުގެ އެކައުންޓަށް ފައިސާ ޖަމާވުމާއެކު އެކާޑާއެކުވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ދޯނީގެ އެހެން ފަޅުވެރިންގެ އެކައުންޓަށްވެސް ވަގުތުން ފައިސާ ޓްރާންސްފާ ކުރެވޭނެ، އެހެންވީމާ މީގެ ކުރީގައި ކަންހިނގި ގޮތަށް މަސްކިރުވި ފައިސާ ނުލިބުމުގެ ހިތާމާގައި ދުވަސްތައް ގުނަން ތިބޭކަށް ނުޖެހޭނެ، އަދި ފައިސާ ހޯދުމަށްޓަކައި ދަތުރުހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިކާޑުން އޮޑިވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފަސޭހައަކީ ތެޔޮ ގަތުމާއި އައިސް ގަތުމަށް ނަގުދުފައިސާ އަތުގައި ބަހައްޓަން ނުޖެހުން ކަމަށެވެ. އަދި މިކާޑުން ކުރާ އެއްވެސް މުއާމަލަތަކަށް އިތުރު ފީއެއް ނުނަގާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިން ނަގާފައިވާ ލޯނަކަށް މަސްވެރިޔާ އެކައުންޓަށް ޖަމާވާ ފައިސާއިން ކެނޑިގެން ނުދާނެ ކަމަށެވެ.