ކާނާ

ތެލުލި ބަނބުކެޔޮ ހެފުމެއް ހަމަ ނުހުއްޓުނު!

ލުއި ކާނާއެއްގެ ގޮތުގައި ތެލުލި ބަނުބުކޮޔޮ މިއީ ވަރަށް ގިނަ ދިވެހިންގެ ފޭވަރިޓެވެ. ރަނގަޅަށް ވިއްޔާ ސްކޫލް ދުވަސްވަރު ޓެސްޓަށް ފިލާވަޅު ދަސްކޮށްފައި އޮންނާނީ ވަސް ތެލުލި ބަނބުކެޔޮ ދަޅެއް ކައިރީ ބަހައްޓައިގެނެވެ. ފުޓުބޯޅަ މެޗެއް ބެލިޔަސް ތެލުލި ބަނބުކެޔޮ ހެފުންވެސް އެއީ އާދައެކެވެ. ތެލުލި ރިހާކުރާ ޖައްސާލައިގެން ވެސް ކާލަން ހަމަ ބަރާބަރެވެ. ތެލުލި ބަނބުބެކޮ ކާ އިރު މިހެންވޭ ނޫން ހެއްޔެވެ؟ އެއް ފޮތި ކާލާފައި ހުއްޓާ ނުލެވިގެން އުޅެންޖެހޭ ނޫން ހެއްޔެވެ؟ ރަށުން ނުވަތަ ރަށަކުން ހަދިޔާއަށް ބަނބުކެޔޮ ދަޅެއް ފޮނުވާފިއްޔާ ދަޅު ހުސް ނުވަނީސް ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވެ އެވެ. މަތި ނަގާ ގޮތަށް ދަޅު ހުކޮށްލެވެނީ އެވެ. މިހެން މި ވަނީ ކީއްވެބާއޭ ހިތަށް އަރާ ހެއްޔެވެ؟

ތެއްލި ބަނބުކޭލުގައި ޕޮޓޭޓޯ ޗިޕްސް ނުވަތަ ތެލުލާފައި ހުންނަ އަލުއްވާ ދާދި އެއްކަހަލަ ގޮތްތަކައް ހުރެއެވެ. މި ދޭއްޗަކީ ވެސް ވަރަށް ގަދަޔަށް ތެލުލާފައި ހުންނަ ދެ ބާވަތެކެވެ. މި ތެލުލާން ބޭނުންކުރާ ވެޖިޓަބަލް އޮއިލް ނުވަތަ އާއްމުކޮށް މި ކިޔާ ކުކިން އޮއިލް އަކީ އޭގައި ފެޓް މި މާއްދާ ވަރަށް މަތި އެއްޗެކެވެ.

ކާނާގައި ފެޓް ގިނަވުމުން އެ އެއްޗެއްގެ ރަހަ އެއީ ގިނަމީހުން ވަރަށް ގަޔާވާ ރަހައަކށް ވެގެން ދެއެވެ. މިސާލަކަށް ސްކިމް މިލްކަށް ވުރެ މީހުން ބޮޑަށް ގަޔާވަނީ އަދި ބޮނީ ވެސް ފުލްކްރީމް މިލްކެވެ. އެހެން ކަމުން ތެލުލި ބަނބުކޭލުގެ ރަހަ ވެސް މީހުންނަށް މީރުވެފައި ކަމުދެ އެވެ. ފަށާ ގޮތަށް ހުއްޓައެއް ނުލެވެ އެވެ. ފަށާނީ ދެ ފޮއްޗެއް ކާލައި ރަހަ ބަލާލާށެވެ. އެކަމަކު ކެއުން ހުއްޓާ ނުލެވޭ ގޮތް މެދުވެރިވެ އެވެ.

ހަމަ އެގޮތަށް ޕޮޓޭޓޯ ޗިޕްސް ދަޅަށް ވެސް ބައެއް ފަހަރު މިހެންވެ އެވެ. އެއް ފޮތި ކާލާފައި އަދި އެއް ފޮތި ކާލުމަށް ފަހު ދެން ނިންމާލާނީއޭ ހިތަށްއަރާނެ އެވެ. އެކަމަކު މަޑުމަޑުން އިނދެފައި ދެން ބަލާލާއިރު ޗިޕްސް ދަޅު އޮންނަނީ ހުސްވެފަ އެވެ. އެހިސާބުން ޖެހޭނީ ކުނޑި ބޮނޑި ވެސް އަނގައަށް އަޅާލާށެވެ. ބަނބުކެޔޮ ދަޅަށް ވެސް ވަނީ ހަމަ މިހެނެވެ.

ލުއި ކާނާ ގޮތަށް ކާލާ އެއްޗަކަށް ތެލުލި ބަނބުކެޔޮ މުރަނަ ވުމަކީ ވެސް ދަޅު ހުސްވަންދެން ވަރަށް ގިނަ ފަހަރަށް އެ ހަފާލަ ހަފާލާ ތިބެވޭ ސަބަބަކަށް ވެދާނެ އެވެ. ތެލުލި ބަނބުކޭލާއި ޗިޕްސް ވެސް މީހުން ގަޔަވާނީ ކާ އިރު އޭގައި އަޑު އިއްވާލާ މުރަނަކަން މަތީގައި ކާށެވެ. ތެއްލި ބަނބުކެޔޮ ހަފާ އަޑު ނީވެއްޏާ ދަޅުގައި ރަނގަޅަށް މަތި ނުޖެހި ވައި ވަނީ ކަމަށް ނިންމާލެވެ އެވެ. ނުވަތަ މިފަހަރު ރަށުން ލިބުނު ދަޅު ތާޒާ ނޫނީ ކަމަށް ނިންމާލެވެ އެވެ.

ތެލުލި ބަނބުކެޔޮ ފޮއްޗެއް އަނގައަށް ލުމުން ކުރުވޭ އިހުސާސްތައް ނުވަތަ "މައުތްފީލް" އިން ސިކުނޑިއަށް ސެންސަރީ ކަންކަން ނުވަތަ ޓެކްޗާ މީހާ ގަދައަށް ހިތްޖައްސުވަ އެވެ. ބައެއް ކާނަތަކުގެ ޓެކްޗާ އެ ކާނާތަކުގެ ރަހައާއި ވަހަށް ވުރެ ވެސް މުހިއްމު ވެގެންދެ އެވެ. އަނެއް ކަމަކީ ބޯކޮށް ކޮށައި ތެލުލާފައު ހުންނަ ބަނބުކެޔޮ މާ ގިނައިން ކާތަނެއް ނުވަތަ ހުއްޓާ ނުލެވިގެން އުޅޭތަނެއް ނުފެނެ އެވެ.

ބަނބުކޭލާކީ ހައި ކާބްސް އަދި ސްޓާޗީ އެއްޗެއްކެވެ. ތެލުލި ބަނބުކޭލުން މީހާގެ ބްލަޑް ގުލްކޯސް މަތި ކޮށްދޭނެ އެވެ. އިހު ޒަމާނުގައި ނުވަތަ އޮރިޖިނަލް ރެސިޕީތަކުގައި ބަނބުކެޔޮ ތެލުލަނީ ކާށި ތެލުގައި ނޫނީ ތެލުލާއިރު ކުޑަ ހަކުރުކޮޅެއް ވެސް އަޅައިގެނެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކުން ހާއްސަ ގޮތެއްގައި މި ހަދާ ތިނެސްކަނަށް ކޮށާ ތެއްލާފަ ހުންނަ ބަނބުކެޔޮ މިހާރު މާ އާއްމުކޮށް ނުފެނުނަސް އޭގައިވެސް ހުންނަނީ ހަކުރުލާފަ އެވެ. މިއީވެސް ދަޅު ހުސް ނުވަނީސް އަތުން ދޫނުވާ އެއް ސަބަބެއް ކަމުގައި ވެދާނެ އެވެ.

ތެލުލި ބަނބުކޭލާ ވަކިވުމެއް ނެތެވެ. އަބަދުވެސް ދިވެހިން އެ ހަފާ މުގުރާނެ އެވެ. ތެލުލި ބަނބުކެޔޮ ކެއުމުން ބަނޑުގައި ގޭސް ހެދި ބަނޑަށް އުނދަގޫވާ ވާހަކަ އެއީ އެއްމެންވެސް ދައްކާ ވާހަކައެކެވެ. އެހެންވިޔަސް ރަށުން އަންނަ ބަނބުކެޔޮ ދަޅާއި ދުރުގައި ހަމަ ނުވެނީ އެވެ. މީގެ އަސްލު ސައިންސުން ހޯދަން ފުޑް ސައިންސްޓުންނާއި ހަވާލު ކުރަންވީ އެވެ.