ރިޕޯޓް

މަޖިލިސް މެޖޯރިޓީ މުހިންމީ ކޮންބަޔަކަށް؟

ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބަށް މިވަނީ ކުޑަ ދުވަސްކޮޅެއްވެފަ އެވެ. މަޖިލިސް އިންތިހާބަށް ޕާޓީތަކުން ހެސްކިޔާފައި ތައްޔާރުވަމުން އަންނައިރު އެންމެ ގިނައިން ކަންފަތަށް އިވޭނެ އަޑަކީ މަޖިލިސް މެޖޯރިޓީގެ ވާހަކަ އެވެ. މެޖޯރިޓީ ވަކި ބަޔަކަށް މުހިންމުވާ ސަބަބުތަކުގެ ވާހަކަ އެވެ.

ސަރުކާރު ކޯލިޝަން ތެރޭގައި ކޯޅުމެއް ފެށިގެން ދިޔައީވެސް މެޖޯރިޓީއެއްގެ ވާހަކަ އުފަންވި ހިސާބުންނެވެ. އެންމެ ފުރަތަމަ އެވާހަކަ ދެއްކީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެއަށްފަހު ހުޅު ހިފީ ކޯލިޝަންގެ މެދުގައި އެވެ. ދެބަސްވުން ފެށިގެން ދިޔައީ އެމްޑީޕީއާއެކު ކޯލިޝަންގައި ތިބި، ޖުމްހޫރީ ޕާޓީއާ އަދާލަތު އަދި ރައީސް މައުމޫންގެ ސަޕޯޓަރުންގެ ތެރޭގައި އެވެ. މަޝްވަރާއިން ވެސް ހައްލު ނުލިބި މިއަދު ވަނީ ކޯލިޝަންގައި ގޮތް ނިންމާ ޖޭޕީގެ ހައިސިއްޔަތާމެދު ވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފަ އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ވާހަކަ ފެށި ހިސާބުންވެސް ދައްކަން ފެށީ މަޖިލިސް މެޖޯރިޓީގެ އެ ޕާޓީއަށް މުހިންމު ވާހަކަ އެވެ. އެމްޑީޕީގެ ފުރަތަމަވެސް ހިފީ އެކަމަށެވެ. ކޯލިޝަން އެއްބަސްވުމެއް އެކަމަށް ނެތް ކަމަށްބުނެ މަޖިލިސް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައި ކުރިމަތިލީ މެޖޯރިޓީ ހޯދާށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ނުލިބެއްޖެނަމަ ސަރުކާރުގެ ވައުދުތައް ފުއްދަން ދަތިވާނެއޭ އެވެ.

އެމްޑީޕީގެ މެންބަރުން ބުނެދޭ ގޮތުން މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް މުހިންމުވާ ސަބަބުތައް ވަރަށްވެސް ގިނަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ސަރުކާރު ދެމެހެއްޓުމަށް މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް މުހިންމެވެ. ކޯލިޝަނަކީ އަބަދު ދެމި އޮންނާނެ އެއްޗެއް ކަމަށް ގަބޫލު ނުކުރެވޭތީ މެޖޯރިޓީ ހޯދުން އަމުދުން މުހިންމެވެ. އެއީ ކުރިން ލިބިފައިވާ ތަޖުރިބާއަށް ބިނާކޮށް ކޮންމެހެން ހޯދަން ޖެހޭ އެއްޗެކެވެ.

އެމްޑީޕީގެ އެ ހިޔާލު ގޯސް ނޫން ކަމަށް އެޕާޓީ އޮތީން ނިންމައިގެނެވެ. ނަމަވެސް އެކަމާ ހިޔާލު ތަފާތުވެ، ފުރަތަމަވެސް އަޑު އުފުލީ ކޯލިޝަންގެ ތެރެއިންނެވެ. ކޯލިޝަންގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ހިޔާލު މުޅިން ތަފާތެވެ. މަޖިލިސް އިންތިހާބުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުމަކީ "ނުރައްކަލެއް" ކަމަށްވެސް ޖޭޕީން ބުނަމުން ދިޔަ އެވެ. މެޖޯރިޓީ އެމްޑީޕީއަށް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ބުނަމުން ދިޔައީ ޖޭޕީ އިންނެވެ. އެ މީހުން އޮތީ އަދިވެސް އެގޮތުގައެވެ.

ޖޭޕީގެ ވާހަކަތަކަށް އެއްބަސްވާ އެހެން ސިޔާސީ ފަރާތްތައް ވެސް މަދެއް ނޫނެވެ. ބައެއް ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭން "ހެޔޮނުވާނެ" އެވެ. އެއީ އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު ފެނިގެންދިޔަ ކަންކަމުން މިއަދު ފިލާވަޅު ލިބިފައިވާތީި އެވެ.

އެމްޑީޕީއަށް މެޖޯރިޓީ ނުދިނަސް ސަރުކާރަށް ތާއީދު ކުރާ މެޖޯރިޓީއެއް މުހިންމު ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ. ކޯލިޝަންގައި ދެން ހިމެނޭ ޕާޓީތަކުގެ ހިޔާލަކީ ވެސް އެއީ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ވެސް ބޭނުންފުޅުވެ ވަޑައިގަންނަވަނީ އެ ގޮތް ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާ އުޅުއްވަ އެވެ. މުޅީން ޔަގީނެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ކޮށްދިނުމުގެ ވައުދުތަކަކާއެކު އެވެ. ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތަކުން ވިދާޅުވާ ގޮތުގައި މަޖިލިސް މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ އެ ކަންކަން ކުރަން ވަރަށް އުނދަގޫ ވާނެ އެވެ.

"މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލިސް މެޖޯރިޓީ ވަރަށްވެސް މުހިންމު، މަޖިލިސް މެޖޯރިޓީ ސަރުކާރަށް ނުލިބެއްޖެނަމަ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވެފަ ހުރި ގިނަ ކަންކަން ބޮއްސުންލައިގެން ދާނެ، ދައުލަތުގެ ނިޒާމުތަކާއި ކުޅެލައި، ސަރުކާރު މަގުމަތިކޮށްލައިފާނެ، ރައްޔިތުންނަށް ފަހި ގޮތެއް މެދުވެރިވާން އޮތީ ރައީސް ސޯލިހުގެ ސަރުކާރަށް މެޖޯރިޓީ ލިބިގެން،" ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

މިއާ ހިޔާލު ތަފާތުވާ މީހުންވެސް ވަކި މަދެއް ނޫނެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި މި ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ގޯހެކެވެ. އަދި އެއީ ދިވެހި ގައުމިއްޔަތާއި އިސްލާމް ދީނަށް ވަރަށް ބޮޑަށް ގެއްލުން ލިބިގެންދާނެ ކަމެކެވެ.

ދެން އޮތީ އިދިކޮޅެވެ. މިވަގުތު އިދިކޮޅު އެންމެ އިސް ލީޑަރެއްގެ ގޮތުގައި ހުންނެވީ ކުރީިގެ ރައީސް އަބުދުﷲ ޔާމީނެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުން އެއް ގޮތަކަށް ވެސް ބުއްދިވެރި ނޫނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް މެޖޯރިޓީ އެންމެ މުހިންމީ އިދިކޮޅަށެވެ. އަދި އިދިކޮޅުން ކެނޑިނޭޅި ދައްކަމުން ގެންދަނީ މަޖިލިސް މެޖޯރިޓީ އެ ފަރާތްތަކަށް މުހިންމު ވާހަކަ އެވެ.

އެކަމަށް އެއްބަސްވާ އަނެއް ސިޔާސީ ލީޑަރަކީ ގާސިމް އިބްރާހީމެވެ. ގާސިމްގެ ރާގު ބަދަލުވަމުން ގޮސް އެ މަނިކުފާނު ގާތްގަނޑަކަށް ހުންނެވީ ރައީސް ޔާމީނާއެކުގައޭ ހެންވެސް ހީވެ އެވެ. ގާސިމްގެ ނަޒަރުގައި ވެސް މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދީގެނެއް ކަމަކު ނުދެ އެވެ.

ބައެއް ފަރާތްތަކުން ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދޭން ނުޖެހޭ ސަބަބުތައް ގިނަ ކަމަށް ބުނެ އެވެ. އެގޮތުން ކުރީ ސަރުކާރަށް މަޖިލިސް މެޖޯރިޓީ އޮތުމުގެ ސަބަބުން ރައްޔިތުންގެ ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ގޮތަށް މަޖިލީހުގައި ބިލްތައް ފާސް ކުރެވިގެންދިޔަ ދިއުންތަައް ކިޔައިދެ އެވެ.

"މީގެ ކުރިން ވެގެންދިޔަ ގޮތް ވަނީ ފެނިފައި. ސަރުކާރަށް މަޖިލިސް މެޖޯރިޓީ ލިބިގެން ދިއުމުން މުޅިންހެން ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ގޮތަކަށް މީހުން ވަކިކޮށް، މުޅި ނިޒާމާ ކުޅެމުންދިޔަތަން، ރައްޔިތުންނަށް ބޭނުންނުވާ އެތައް ބިލްތަކެއް މަޖިލިސް ތެރެއިން ފާސްކޮށް، ރައްޔިތުންގެ ބަސްބުނުމުގެ ހައްގަށްވެސް އަރައިގަންތައް ފެނިގެންދިޔައީ، އެކަން ތަކުރާރުވާން ބޭނުން ނުވާތީ މަޖިލިސް މެޖޯރިޓީ އިދިކޮޅުގައި އޮތުން މުހިންމުވެގެން މިދަނީ،" ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ.

އުމަރު ނަސީރުގެ ވާހަކަ ގެންގުޅުއްވަނީ ސަރުކާރާއި ދެކޮޅު މެޖޯރިޓީއަކަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ސަރުކާރަށް ހުރިހާ ބާރެއް ދީފިނަމަ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. އެހެެންކަމުން މަޖިލިސް މެޖޯރޮޓީ މުހިންމީ އިދިކޮޅަށެވެ.

"އިދިކޮޅަށް މެޖޯރިޓީ ދޭން ޖެހޭނީ، އެއީ ސަރުކާރު ޒިންމާދާރު ކުރެވޭނީ އޭރުން، އެކަމާމެދު އެއްވެސް ސުވާލެއްނެއް،" އުމަރު ވިދާޅުވި އެވެ.

ގިނަ ބައެއްގެ ނަޒަރު މިހާރު ހުއްޓިފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށެވެ. މަޖިލިސް އިންތިހާބުގައި ވެގެންދާނެ ގޮތަކާމެދު ބަސްތައް ކުރެވެމުން ދަނީ އެވެ. މަޖިލީހުގެ އަގުލަބިއްޔަތު ނަގާނެ ބަޔަކު ޕްރެޑިކްޓް ކުރަމުންދާއިރު، ރައްޔިތުން ތިބީ މިކަން ނިމިގެންދާނެ ގޮތެއް ބަލާށެވެ.