ހަބަރު

އެމެރިކާއިން ރާއްޖެއަށް އިތުރު 9.75 މިލިއަން ޑޮލަރުގެ އެހީ ދެނީ

Feb 21, 2019
1

އެމެރިކާއިން ރާއްޖެއަށް އިތުރު 9.75 މިލިއަން ޑޮލަރު (150.3 މިލިއަން ރުފިޔާ)ގެ އެހީ މިއަހަރުގެ ތެރޭގައި ދޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗާޑް ޕޮމްޕެއޯއާ އެކު ބޭއްވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާޒަން ރޮބާޓް ޕަލަޑީނޯ ވިދާޅުވީ ރާއްޖެއަށް އިތުރު އެހީގެ ގޮތުގައި 9.75 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޮންގްރެސްއާ އެކު ސްޓޭޓް ޑިޕާޓްމަންޓުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި އެހީ ރާއްޖެއަށް ދެނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ އެހީތައް ރާއްޖެއަށް އިތުރު ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ވެސް ސޮއި ކުރައްވައިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އެމެރިކާއިން ރާއްޖެއަށް އެހީވާނީ ރާއްޖޭގެ ދަރަނީގެ ކަންކަން މެނޭޖް ކުރުމާއި ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުން އަދި މާލީ އިދާރާތައް މެދުވެރިކޮށް ހިންގާ ކުށްތައް ހުއްޓުވުމުގެ ދާއިރާއިން ކަމަށެވެ.

ޝާހިދާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހަ ގާއިމްކޮށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ހެދުމަށް އެެމެރިކާއިން ކުރާ މަސައްކަތަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ދެއްވި ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަޓިކް މުއައްސަސާތައް ހަރުދަނާކުރުމާއި ރާއްޖޭގެ ތަރައްގީއަށް ދެމެހެއްޓެނިވި މަސައްކަތްތައް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާކަން ޝާހިދު ފާހަގަ ކުރެއްވި ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕެއޯ އެ ބައްދަލުވުމުގައި ވަނީ، ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމާއި ޑިމޮކްރަޓިކް އުސޫލުތަކާއި އިންސާނީ ހައްގުތަކުގެ ކަންކަން ކުރިއެރުވުމަށް މިހާރުގެ ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެ ކަންކަމަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޕޮމްޕެއޯ ދެއްވި ކަމަށެވެ.

ޝާހިދުގެ ދަތުރުފުޅުގައި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމުގެ އެއްބާރުލުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫއެސްއެއިޑް އަދި އޯވަސީސް ޕްރއަިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.