ހަބަރު

އާޒިމާއަށް ލިޔުންތައް ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ ލިޔުންތައް އޭނާއާ ހަވާލުކޮށް ޝަރީއަތަށް ތައްޔާރުވެއްޖެ އެވެ.

މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅޭ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ހަވާލުކުރަން ޖެހެ އެވެ. އާޒިމާއަށް ދައުވާކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ލިޔުންތައް ހަވާލުކުރުމަށްފަހު، މައްސަލާގެ އިޖުރާއީ އަޑުއެހުންތައް ފަށާނެ އެވެ. ނަމަވެސް އެ އަޑުއެހުންތައް ފަށަން ނިންމާފައިވާ ވަކި ދުވަހެއް ކުރިމިނަލް ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.

ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އާޒިމާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑާކުރުމުގެ ދައުވާ އުފުލާފަ އެވެ. އަދި މައްސަލާގެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.