ރިޕޯޓް

އައްޔުބެގެ ލިޔުން: ރަން ދެއްޔެއް!

މި މަސައްކަތް ކުރާތާ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. ފޮޓޯ : މުހަައްމަދު އަރުޝަދު
0%
0%
0%


މި އަހަރު އުމުރުން 90 އަހަރު ފުރޭނެ މި މީހާގެ އުމުރުން ވިއްސަކަށް އަހަރުގެ ތެރޭގައި އެއް ދުވަހަކު އަތަށް އެރީ ކުޑަ ކުޑަ ލަކުޑި ކޮޅެކެވެ. އެ ލަކުޑިކޮޅު ކޮށާ މަށައި ހިމަކޮށް ފޭއްސަމުން ގޮސް ގަލަމެއްގެ ހިމަ ތުނޑުގެ ކިއްސަރު ލިބުމުން ދެލި ފުޅި އެއްގެ ތެރެއަށް ކޮއްޕާލައި އަރަބި އަކުރުތައް ރީއްޗަށް އެޅޭތޯ އޭނާ މަސައްކަތް ކުރީ އެވެ. އެންމެ ފުރަތަމަ އެޅުނު އަކުރުތައް އެއްވަރު ނުވެފައި ކޮރު އަދި އައިބު ގޮތެއް ހުއްޓަސް މަޑުމަޑުން އަކުރުތަކުގެ ރީތި ބައްޓަން ލިބެން ފެށި އެވެ. އަރަބި ބޮޑު އަކުރު ރީތި ކޮށް އެޅުމުގައި ތ. ކިނބިދޫ އަލީ ރާފިއުގެ ގަލަމަކީ އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ހިނގާ ގަލަމެކެވެ. އަދި ވަރަށް ކުލަ ރީތި ދެއްޔެކެވެ.

އަލީ ރާފިއު ނުވަތަ އައްޔުބެ އަށް މިއަހަރު 90 ފުރޭނެތީ އިހަށް މަރުހަބާ ކިޔަމާ ހިނގާށެވެ. ދިގު ހަޔާތަކީ ވަރަށް ބޮޑު ނިއުމަތެއް ނިއުމަތެއް ނޫން ހެއްޔެވެ؟

މިހިސާބުން އައްޔުބެގެ ވާހަކަ ލިޔަން ފަށާއިރު އަރަބި އަކުރުތައް ރީތިކޮށް ލިޔެލައި ކަން ކަނަށް ދަމާލައި ތުނޑު ތުނޑަށް ހިމަކޮށް ފަލަކޮށް އެނބުރުމަކާއި އެމުނި އެކުލެވުމުގެ ގޮތްތައް ގެނައުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އެކަމަކު ޒުވާން ދުވަސްވަރު ޓްރައި ކުރަން ފެއްޓެވި އެ ހުނަރު ފުރިހަމަ ކުރައްވަން އެތައް ދުވަހެއް ނެގި އެވެ. ހުއްޓާ ނުލައި އެތައް އަހަރުތަކެއް ވަންދެން އަކުރު މަތީ އަކުރު އަޅުއްވައި ހެއްދެވި އެވެ. މިއަދު އައްޔުބެގެ މަސައްކަތް ފެންނަ މީހަކަށް އެއީ "ލޭޒާ ޕްރިންޓެއް" ކަން އަތުން އަތުން ލިޔެ ފަވާފައިވާ އަކުރުތަކެއްކަން ވަކިކޮށްލެވޭނީ އުނގުލަކާއެކު މަސައްކަތެއް ވެސް ކޮށްލައިގެނެވެ. މި ފަރިތަކަން މަތީ މި ރީތިކަމާއި ސާފު ކަންމަތީ އައްޔުބެ ލިޔުއްވާތާ މިހާރު ބައިގަރުނަށް ވުރެ ގިނަ ދުވަސްވެއްޖެ އެެވެ. އެ ދެލި ހުހެއް ނުވެއެވެ.

އަކުރުތަކުގެ ސިފަ އާއި ބައްޓަމަށް ބައެއް އާ ބަދަލު ގެނަޔަސް އަކުރުގެ އަސްލު ނުގެެއްލޭ ގޮތަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ރީއްޗަށް ފަވައި ލިޔުއްވުމަކީ އައްޔުބެ އާދަ އެވެ. އޭނާގެ ލިޔުއްވުމުގައި އެއް އަކުރު އަނެއް އަކުރާ، އެއް ލަފުޒު އަނެއް ލަފުޒާ ގުޅުވައި އަމުނާލާފައި ހުންނަ ގޮތުން އެ ހުނަރަކީ އާދައިގެ ކެލިގްރެފީއެކޭ ބުނާކަށް ލާހިކު ކުޅަދާނައެއް ނުވާނެ އެވެ.

އައްޔުބެ ގޭގައި ހަރުކޮށްފައި ހުރި ލިޔުމެއް -

އަރަބި އަކުރު ރީތިކޮށް އެޅުއްވުމާއި ފެވުމާއި އަތު ލިޔުއްވުމުގެ މަސައްކަތުގައި އޭނާ ދިގު ޒަމާނެއް ވޭތު ކުރައްވައިފި އެވެ. މިއަދު އެނާގެ އުމުރުން ދުވަސްވުމުގެ ސަބަބުން އައި މަޑުޖެހިލުމެއް ފިޔަވައި އެއްވެސް ވަރަކަށް އެ ގަލަމުގެ ތުނޑު ކަންފަތިވެފައެއް ނުވެ އެވެ. އަދިވެސް ރީއްޗަށް ލިޔުއްވަނީ އެވެ.

"ވަރަށް ދުވަސް ވެއްޖެ މި ކަމުގައި އުޅޭތާ. އެކަމަކު މިހާރު ބޭބެއަށް ލިޔަން ކޮންމެވެސް ވަރަކަށް އުނދަގޫވާން ފަށައިފި އަތް ތުރު ތުރު އަޅާ ވަރުން، ލިޔަން ގެންގުޅޭ ދަނޑިކޮޅުގައި ހިފަހައްޓަން މިހާރު އުނދަގޫ ވަނީ. އަނެއް އަތުން ގަނޑުގައި ވެސް ހިފަހައްޓަން މިހާރު އުނދަގޫވޭ. ގަނޑުގައި އެއްވަރަށް ރީއްޗަށް ނުލިޔެވެންޏާ ލިޔާ ހިތް ވެސް ކުޑަވާނެ،" އޭނާ ބުންޏެވެ.

އުމުރުން ދުވަސްވުވުމުގެ ސަބަބުން ލިޔުއްވުމުގައި އައްޔުބެއަށް މިވަގުތު އުނދަގޫގޮތެއް ދިމާވި ނަމަވެސް މިއަދުވެސް އިއްޔެވެސް ލަކުޑި ގަލަމުގައި ހިފާލައި ލިޔުއްވަ އެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއް ކުރައްވަ އެވެ.

އަވަސް ވީޑިއޯ : އަހުމަދު މާނިސް

އައްޔުބެގެ ލިޔުއްވުމުގެ މަސައްކަތް ވަރަށް ފުރިހަމަ އެވެ. އަރަބި ތާނަ ލިޔުއްވުމާއި އިސްލާމާއި ޤުރުއާން ކިޔަވައި ދެއްވައި ދަސްކޮށް ދެއްވަން މުޅި ތ. އަތޮޅުގެ ހުރިހާ ސްކޫލެއްގައިހެން މުދައްރިސުކަން ކުރެއްވެވި އެވެ.

ދަސް ކޮށްދިންއިރުގެ ފޮތެއް -

ތ. އަތޮޅުގެ އެތައް ބައެއްގެ ޅަ ފުރާގައި އަރަބި ތާނަ ލިޔުން ރީތި ކޮށްދޭން އެހީވެދެއްވިފައި ވުމަކީ މިއަދު އައްޔުބެ އުފަލުން ހުންވާ މައިގަނޑު ސަބަބު ކަމަށް އަމިއްލަފުޅަށް ވެސް ވިދާޅުވެ އެވެ.

އެންމެ ފުރަތަމަ ދަސްކުރަން ފެށީ ޒުވާން އިރު- ފޮޓޯ : މުހަައްމަދު އަރުޝަދު

"ބިސްމި އަދި ޤުރުއާނުގެ ކުރު ސޫރަތްތައް މި ރަށު މިސްކިތްތަކުގެ ފާރުގައި ހަރުކޮށްފައި ހުންނަތަން ފެންނަ ހަނދާންވޭ ވަރަށް ކުޑައިރުވެސް. ބައްޕަ ލިޔެފައި ހުންނަ އެ ލިޔުންތައް މިސްކިތުގެ އެކި ފާރުތަކުގައި ވަރަށް ގިނައިން ހަރުކޮށްފައި ހުންނާނެ. އަދި ކުރިން ވެއްޖިއްޔާ ގިނަ ދުވަސް ވުމުން ލިޔުން އާ ކޮށްލާ އާ ފޮންޓުތަކަށް ވެސް ލިޔެފައި މިސްކިތުގައި ހަރުކުރާނެ. މިސްކިތް މަރާމާތް ކޮށް މިއަދު އެ ލިޔުން އެތަނުން ނަގާފައި ހުއްޓަސް އެއިން ލިޔުމެއް ފެނިއްޖިއްޔާ އެއީ މިރަށު މީހުންނަށް އާ އެއްޗަކަށް ނުވާނެ،" އައްޔުބެގެ ދަރިފުޅު އަބްދުއް ނާސިރު ބުންޏެވެ.

މުޅި ތ. އަތޮޅަށްވެސް މަޝްހޫރު އައްޔުބެގެ މަސައްކަތް އެންމެ ފުރިހަމައަށް ފެންނަން ހުންނަނީ ރަށު ގޭގޭގެ ފާރުންނެވެ. ފާރުގައި ހަރުކޮށްފައި ހުންނަ މާތްﷲ ގެ ކަލިމަފުޅުތަކުގެ ލިޔުމާއި އާޔަތް، ކުރުސީގެ ލިޔުމަކީ އައްޔުބެ މަސައްކަތެވެ. ކުޑަ ކުޑަ ލަކުޑި ކޮޅެއް ބޭނުން ކުރައްވައިގެން ލިޔުއްވެވި ރަން ދެއްޔެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910