ހަބަރު

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވާދަކުރަނީ 46 ދާއިރާއަށް

ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއިން ވާދަ ކުރަން ނިންމައި ކެނޑިޑޭޓުންގެ ފޯމް ހުށަހަޅާފައިވަނީ 46 ދާއިރާއަށް ކަމަށް އެކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމާއި ކޮންގްރެސް ޕާޓީ އިން 46 ދާއިރާއަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑީއާރްޕީއިން ހަތަރު ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި ކޯލިޝަނުން ޖުމްލަ 50 ދާއިރާއަށް ވާދަކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ކޯލިޝަނުން ބައެއް އެހެން ދާއިރާތަކަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށާއި ޖުމްލަ ގޮތެއްގައި ހުރިހާ ދާއިރާއެއްގައިވެސް އެކޯލިޝަންގެ ކެނޑިޑޭޓުން ހިމެނޭނެ ކަމަށެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ އިން ވާދަކުރަން ނިންމާފައިވާ ދާއިރާތަކުގެ ތެރެއިން ޓިކެޓް ހަވާލުކުރި ބައެއް ދާއިރާތަކުގެ ކެނޑިޑޭޓުންގެ އަތުން ޓިކެޓް އަތުލުމަށްފަހު ޖުމްހޫރީ ޕާޓީގެ އެދާއިރާގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ބައެއް ކެނޑިޑޭޓުން ވަނީ އަމިއްލަ ގޮތުން އެދާއިރާތަކަށް ނިކުމެފަ އެވެ.

ޕީޕީއެމް އަދި ކޮންގްރެސް އިން ވަނީ ކޯލިޝަންގެ ކެނޑިޑޭޓުން ނިކުންނަ ދާއިރާތަކަށް އަމިއްލަ ގޮތުން ނިކުންނަ ކޯލިޝަންގެ ކެނޑިޑޭޓުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 އަށް ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.