ހަބަރު

ސިނަމާލެ ބުރިޖު މަތިން މީހަކު ފުންމާލައިފި

ސިނަމާލެ ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ. ބްރިޖާއި އަދި ބްރިޖާ ގުޅޭ ހައިވޭގައި ގިނަ އެކްސިޑެންޓްތަކެއް މިހާތަނަށް ހިނގާފައިވީ ނަމަވެސް މިއީ ސިނަމާލެ ބްރިޖް ހުޅުވި ފަހުން މިފަދަ ހާދިސާއެއް އައި ފުރަތަމަ ފަހަރެވެ.

އެ މަންޒަަރު ދުއް މީހަކު "އަވަސް" އަށް މިއަދު ކިޔައިދިން ގޮތުގައި އެ ފިރިހެންމީހާ ފުންމާލީ ބްރިޖުގެ މެދެއްހާ ހިސާބުންނެވެ. އަދި އެމީހާ ކަނޑު ތެރޭގައި އޮއްވާ ސަލާމަތްކޮށްފައި ވަނީ ލޯންޗެއްގައި ފުލުހުން ގޮހެވެ.

މަންޒަރު ދުއް އެ މީހާ ބުނީ ބްރިޖު މަތީން ފުންމާލި މީހާ ފުންމާލި ދިމާލުގެ ހިނގާ ލޭނުގައި ކުޑަ ކުއްޖަކުވެސް ހުއްޓެވެ. އެއީ ފުންމާލި މީހާއާއެކު ދިޔަ ކުއްޖެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއަށް ފަހު ފުލުހުންވެސް ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ޔަގީންކޮށްދީފަ އެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފުސީލު ދީފަ އެއް ނުވެއެވެ.