ޕީޕީއެމްގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓު ހިފަހައްޓާފައި ނުވާނެ ކަމަށް އިމިގްރޭޝަން އިން ބުނެފި އެވެ.
އިމިގްރޭޝަން އިން މިހެން ބުނީ، އާޒިމާ އާއި ޕީޕީއެމްގެ އިސް ފަރާތްތަކެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ. އިމިގްރޭޝަންއަށް އެފަދަ އަމުރެއް ލިބިފައި ނުވާ ކަމަށް ވެސް ހަނަފީ ވިދާޅުވި އެވެ.
"އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އެ ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް،" ހަނަފީ ވިދާޅުވި އެވެ.
އާޒިމާގެ މައްޗައް ވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިންގެވި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިން މައްސަލައެކެވެ. އާޒިމާ މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.