ދުނިޔެ

ޓްރަމްޕްގެ ބައްދަލުވުމަށް ކިމް ދަތުރު ފަށްޓަވައިފި

Feb 24, 2019

ހަނޯއީ (ފެބްރުއަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ބުދަ ދުވަހު ވިއެޓްނާމުގައި ފެށުމަށް ހަމަޖެހިފައިވާ ސަމިޓަށް، އުތުރު ކޮރެއާގެ ލީޑަރު ކިމް ކިމް ޖޮންގް އުން ރޭލެއްގައި ދަތުރު ފަށްޓަވާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެ ދެ ލީދަރުންގެ މެދުގައި ބޭއްވޭ ދެވަނަ ސަމިޓް ވިއެޓްނާމުގެ ވެރިރަށް ހަނޮއީގައި އޮންނާނީ ފެބްރުއަރީ 27 އިން 28 އަށް ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އުތުރު ކޮރެއާގެ ދަތުރުފުޅާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވި ނަމަވެސް، ކިމް ގޮވައިގެން ދަތުރުކުރާކަމަށް ބުނާ ރޭލު ޗައިނާގެ ބޯޑަރުގައި އޮންނަ ޑަޑޮންގްއަށް އިއްޔެގެ ވަގުތެއްގައި އައި ކަމަށް ދެކުނު ކޮރެއާގެ މީޑިއާ އަކުން ވަނީ ބުނެފަ އެވެ.

ޗައިނާއިން ވިއެޓްނާމަށް ދިޔުމަށް އޮންނަ 170 ކިލޯމީޓަރަށް ވުރެ ދިގު މަގު އަންގާރަ ދުވަހުގެ ހެނދުނު 6.00 އިން މެންދުރު 2.00 އާއި ހަމައަށް ބަންދުކުރަން ނިންމާފައިވާކަމަށް ވިއެޓްނާމު ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް، ޗައިނާއަށް ކިމް އެތެރެވުމަށްފަހު، ފްލައިޓެއްގައި ވިއެޓްނާމަށް ވަޑައިގެންފާނެކަމަށް ވެސް ބެލެވެ އެވެ. އެއްގަމުން ވިއެޓްނާމަށް ވަޑައިގެންފިނަމަ، އެ ދަތުރުފުޅުގައި، ކިމް އަށް 60 ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.