ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ދޭނެ އިނާޔަތްތަކަކީ، ދައުލަތުގެ އިއްޒަތްތެރިންގެ ލަގަބު އަދި އެ ފަދަ ބޭފުޅަކާ މުހާތަބު ކުރާއިރު، "ނައިބު ރައީސް" ބޭނުން ކުރުމެވެ. މީގެ އިތުރުން ދެން އެ ބިލްގައި ހިމެނެނީ، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އިތުރު ކަމެއް އެ ބިލްގައި ހިމެނިފައެއް ނެތެވެ.
މަޖިލީހުގެ ތަޅުމުގައި އެ ބިލަށް ބަހުސްކުރައްވަމުން، ކޮމަންޑޫ ދާއިރާގެ މެންބަރު، އަހްމަދު ނާޝިދު ވިދާޅުވީ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލްގައި މާލީ އެއްވެސް އިނާޔަތެއް ނެތުން އެއީ އުނިކަމެއް ކަމަށެވެ. އަދި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުން ވަރަށް ނިކަމެތިކޮށް އުޅޭ ކަމަށާއި އެފަދަ މަގާމެއް ފުރުއްވާފައިވާ ފަރާތެއް އެފަދަ ހާލެއްގައި އުޅުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ނައިބު ރައީސްކަން ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލްގެ މަގުސަދަކީ އެފަދަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ބިލްގައި މާލީ އިނާޔަތެއް ނެތުމުން އެ މަގުސަދު ހާސިލްނުވާ ކަމަށެވެ.
އެ ބިލާ މެދު ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވެސް ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލް އިސްކުރާއިރު ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތެއް ހިމެނުން ރަނގަޅު ކަމަށެވެ. އަދި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މިހާރު އެފަދަ ކަމެއް ނޯތުމުން އޭގެ ތެރެއިން ބައެއް ފަރާތްތަކުން އުޅެޖެހެނީ އާންމު މީހަކަށް ވުރެވެސް ދަށު ފަންތީގެ ދިރިއުޅުމެއް ކަމަށް ވެސް ރިޔާޒު ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިއީ އެފަދަ އިއްޒަތްތެރި މަގާމެއް އަދާކޮށްފައިވާ ފަރާތަކަށް ލިބެން ޖެހޭ މަގާމެއް ނޫނެވެ.
ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމަށް، އެ މެންބަރުންގެ ހިޔާލު ހުރި ނަމަވެސް، އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، އެންމެ ފަހުން ނިމުނު ރިޔާސީ ދައުރުގައި ވެސް ނައިބު ރައީސްކަން ތިން ބޭފުޅަކު ކުރެއްވި ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް އިނާޔަތް ދިނުމަކީ ދައުލަތަށް ކެރި ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އިނާޔަތް ލިބޭ ގޮތަށް އޮންނަނީ ތިން ދައުރު ފުރިހަމަ ކުރުމުން ކަމަށާއި މާލީ އިނާޔަތް ދޭ ނަމަ، އެފަދަ ހިފެހެއްޓުން ތަކެއް ބިލްގައި ހިމަނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ސުވާލު އުފެދޭ، މިދިޔަ ދައުރުގައި ވެސް ކުޑަ ދުވަސްކޮޅަކަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އެބަ އުޅުއްވާ، ތިން ބޭފުޅަކު ނައިބު ރައީސްކަން ކުރެއްވި، އެބޭފުޅުންނަށް ވެސް އަޅުގަނޑުުމެން ހަމަ އިނާޔަތް ދޭނީ ތޯ. މިހާރުވެސް ރައީސްކަން ކުރެއްވި ބޭފުޅުންނާއި އާއިލާއަށް ވެސް އިނާޔަތެއް އެބަދޭ. މިގޮތަށް ހަމަ އެންމެންނަށް މި ޒާތަށް އިނާޔަތް ދެމުން ދާނީތޯ؟ އެކަން ކުރެވިދާނެތޯ؟ އިއްޒަތްތެރި ރައީސް، މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަންކަން،" ގަފޫރު ވިދާޅުވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ، ރައީސްކަމާއި ނައިބު ރައީސްކަން ކުރައްވާ ބޭފުޅުން ވެސް އެ މަގާމުތައް ފުރުއްވުމަށް ފަހު ރިޓަޔާ ކުރެއްވުމުގެ ބަދަލުގައި އަލުން ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ނޫނީ ދައުލަތުގެ އެހެން މަގާމެއް ފުރުއްވުމަށް ފައި ނަންގަވާ ކަމަށާއި އެފަދަ ހާލަތުގައި ވެސް އިނާޔަތް ދޭނީތޯ ސުވާލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިލް އިސްލާހު ކުރާއިރު އެފަދަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެވެންޔާ އެންމެންނަށް ވެސް އިނާޔަތް ދޭންވީ. އެކަމަކު ސުވާލަކީ އެބޭފުޅުން ރިޓަޔާ ނުކުރައްވާ ސިޔާސީ ގޮތުން މަސައްކަތް ކުރައްވާ އިރުވެސް އެބޭފުޅުންނަށް ހަމަ ދައުލަތުން ފައިސާ ދޭންވީތޯ،" ނިޒާރު ވިދާޅުވި އެވެ.
އެ ބިލްގެ ބަހުސް މަރުހަލާ ނިންމާލިއިރު، އެ ބިލް ދިރާސާކުރުން ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހަޅާ ވަނީ ތާއީދު ލިބިފަ އެވެ. އެކަމަށް މިއަދު މެންދުރު 1:30 ގައި ވޯޓަށް އަހާނެ އެވެ.