ލަކުނޑި ފަތިބުރިއެއް ވެއްޓުނު އިމާރާތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތައް ފިލައިފި އެވެ.
ފުލުހުން ބުނީ، ޝަހީދު އަލީ ހިނގުން މަގުގައި ރާނބާ ރެސްޓޯރެންޓް ކައިރީ ހަދަމުން ދިޔަ އިމާރާތަކުން ލަކުނޑި ފަތިބުރިއެއް، އެވަގުތު އެސަރަހައްްދުން ދިޔަ މީހެއްގެ ކުރިމައްޗަށް ވެއްޓުނު ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީން ފިލާފައިވާ ކަމަށް ބުންޏެވެ.
އެ ކޮންސްޓްރަކްޝަން ސައިޓަށް ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލުން ގޮސް އެކަން ވަނީ ބަލާފަ އެވެ. އަދި އެ މައްސަލަ އިމިގްރޭޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓުމުގެ ހާދިސާތައް ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ވަނީ ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާގައި ކުޑަކުއްޖަކު މަރުވެފައިވެ އެވެ. އަދި މިދިޔަ މަހު ވަނީ ހަދަމުންދިޔަ އިމާރާތަކުން ގާބުރިއެއް ވެއްޓި ބިދޭސީއަކު ވެސް މަރުވެފަ އެވެ.