ހަބަރު

ގާނޫނީ ހިދުމަތުގެ ބިލް އަނބުރާ ކޮމެޓީއަށް

ގާނޫނީ ހިދުމަތުގެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވަން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ބިލް ފޮނުވާލީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލް އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ވޯޓަށް އެއްސެވީ ޕާލިމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. އެ ބިލަށް އިތުރަށް ދިރާސާކުރުމަށްޓަކައި ކަމަށެވެ.

މީގެކުރިން ވެސް ބިލް ކޮމެޓީގައި މަޝްވަރާކޮށް، އިސްލާހުތަކެއް ވެސް ގެނަ އެވެ. އެއަށްފަހު ބިލް ފާސްކުރުމަށް މަޖިލިސް ތަޅުމަށް ފޮނުވި އެވެ.

އެ ބިލް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބިލް ފާސްކުރުމަށް ބައެއް މެންބަރުން ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

"ފަނޑިޔާރުންނާ ގުޅުން ބާއްވާ ސިޔާސީ މީހުން އަޑީގައި ތިބެގެން ގާނޫނީ ހިދުމަތުގެ ބިލް ފާސްކުރުމަށް ކަންތައްތައް ގަނޑެއް އެބަ ހިންގާ،" އިމްތިޔާޒު ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތުގެ ބިލަކީ ބޮޑު ބަދަލެއް ގާނޫނީ ދާއިރާ ގެނައުމުގެ މަގުސަދުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެކެވެ. އެގޮތުން ވަކީލުންނާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ބާ ކައުންސިލެއް އުފެއްދުމަށް ބިލްގައި ހިމަނާފައިވެ އެވެ.