ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ދެ ޝަރުތަކަށް އަމަލު ކުރުން ފަސްކުރެވޭ މުއްދަތުގައި ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނެއް ހިންގުމަށް ފަހު ހުއްދަ ދޫކުރާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަދަލު ގެނެސްފި އެވެ.
މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ހުށަހެޅުއްވި އެ ބިލުގައި ވަނީ، ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް ފަސް ކުރުމަަށެވެ. އެއީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތެވެ.
މި ބިލު ދިރާސާކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ބިލުގައިވާ އިސްލާހަށް އަމަލު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް އެ ތަމްރީނުގެ އުސޫލުތައް އެކުލަވާލައި އާންމު ކުރަން ޖެހޭނެ އެވެ.
ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ތަމްރީން ނިމޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރި ނަމަވެސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށެވެ.
ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ ތަމްރީނާއި އިމްތިހާނުގެ ޝަރުތު އެއް އަހަރު ދުވަހަށް ފަސްކުރުމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ވަނީ އެ ޝަރުތު ފަސްކުރެވޭނީ އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަަށް ބަޔާންކޮށް ބިލު ބަދަލުކޮށްފަ އެވެ.