ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ކަމުން އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަކިކުރުމަށް މިއަދު ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށްދޭން ވަނީ ޕީޕީއެމް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއިން ވހުށަހަޅާފަ އެވެ. މިއަދު ވަނީ އެ މައްސަލާގައި ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ޕީޕީއެމް އަދި ކޮންގްރެސް ބޭއްވި ޕްރެސްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ބިޝާމް ހާޒިރު ކުރަން އެދުނު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލަ އެއް ނޫން ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާނޫނީ ލަފާ ބޭނުންވާނެ ކަމަށް ރޮޒައިނާ ވިދާޅުވެ މިއަދުގެ ކޮމިޓީ ނިންމާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ވަނީ އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ މެންބަރުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންނަވާ ތިން މެންބަރުން ސޮއި ކުރައްވާ ރޮޒައިނާ މުގައްރިރު ކަމުން ދުރުކުރަން ހުށަހަޅާފައި،" އަބްދުލްރީމް ވިދާޅުވި އެވެ.
އަބްދުލްރަހީމް ވިދާޅުވީ، މިއަދު ފެންނަނީ އިދިކޮޅުގައި އެބޭފުޅުން ތިބެގެން ދެއްކެވި ވާހަކަތަކާއި އިދިކޮޅަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި ބާރުތައް ލިބުމުން ދިމާ އިދިކޮޅަށް މަސަައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީ އަދި ޕީޕީއެމް ކޯލިޝަނުން އެ މައްސަލައިގެ އިތުރުން އެކްޓިން ސީޕީ މުހައްމަދު ހަމީދުވެސް މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.