ރާއްޖޭގެ ރައްޔިތުން ބަދަލުވެއްޖެ ކަމަށާއި މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ޑިމޮކްރަސީއަށް އާނއެކޭ ބުނެފައި ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ހައިލެވެލް ސެގްމެންޓްގައި މިނިސްޓަރު ވިދާޅުވީ، ހުދުމުހުތާރު ވެރިކަމަކަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި ކަމަށެވެ. އަދި ރައްޔިތުން ވަނީ އިންސާނީ ހައްގުތަކަށާއި މިނިވަން ކަމަށާއި ބަސްބުނުމުގެ ހައްގުގެ އިތުރުން ޑެމޮކްރަސީއަށް އާނއެކޭ ބުނެފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލުމަކީ އެމަނިކުފާނުގެ 25 އަހަރުގެ މަޖިލީިހުގެ ހަޔާތުގެ އެންމެ ފަހު މަސައްކަތް ކަމަށެވެ.
މިދިޔަ ފަސް އަހަރު ވަނީ ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދު މަރާލަފައި އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭންގި ގެއްލިފައި ކަމަށެވެ. އެފަދަ މައްސަލަތައް ތަހުގީގް ކުރެއްވުމަށް ރައީސް ސޯލިހް ވަނީ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފައްދަވާފައި ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ޑިމޮކްރަސީ ދަމަހައްޓައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ބިންތިރި ގައުމުތަކަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށާއި އެކަންކަމަށް ހައްލު ހޯދުމަށް ދުނިޔޭގެ ކޮމިއުނިޓީތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މިޔަންމާ އާއި ފަލަސްތީނުގައި ހިނގަމުންގެންދާ ލާއިންސާނީ އަމަލުތައްވެސް މިނިސްޓަރު ވަނީ ކުއްވެރި ކުރައްވާފަ އެވެ.