ދުނިޔެ

އިންޑިއާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނތް ކަމުގެ ތުހުމަތު

Feb 26, 2019
1

އިސްލާމްއާދާބު (ފެބްރުއަރީ 26) - އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެފައިވާކަމަށް ތުހުމަތުކޮށް، ޕާކިސްތާނުން ތައްޔާރީ ހާލަތައް އައިސްފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ އެއާ ފޯސް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

އެކަމާއި ގުޅިގެން އިންޑިއާ ސިފައިންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ ޕާކިސްތާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ބަލްކޯޓް ސަރަހައްދުގައިކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަޝްމީރު މައްސަލަ ހޫނުވެފައިވާއިރު، އިންޑިއާއިން ހަމަލާދީފިނަމަ، އެކަމަށް ފުރިހަމަ ރައްދު ދޭން ތައްޔާރަށްއޮތް ކަމަށް އަވަށްޓެރި ޕާކިސްތާނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

އެ ހަމާލާގައި ބައިވެރިވި ކަމުގެ ތުހުމަތު އިންޑިއާ އިން ކުރާއިރު، ޕާކިސްތާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއް ވާ ކަމުގެ "ސާފު ހެކި" ލިބިފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އަދި އެ ހަމަލާ ތަހުގީގުކޮށް މުސްތަގުބަލުގައި އެފަދަ ޓެރަރިސްޓް ހަމަލާތައް ހުއްޓުވަން އިންޑިއާ އާއެކު މަޝްވަރާ ކުރަން ތައްޔާރަށްއޮތް ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.