ދުނިޔެ

ޓްރަމްޕް ވެސް ވިއެޓްނާމަށް ވަޑައިގެންފި

Feb 27, 2019

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއެކު ބުދަ ދުވަހު ބޭއްވުމަށްހަމަޖެހިފައިވާ ބައްދަލުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިއެޓްނާމަށް ވަޑައިގެންފި އެވެ.

އެ ދެ ލީދަރުންގެ މެދުގައި ބޭއްވޭ ދެވަނަ ސަމިޓް ވިއެޓްނާމުގެ ވެރިރަށް ހަނޮއީގައި އޮންނާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ސަމިޓަށް 4،000 ކިލޯމީޓަރުގެ ރޭލު ދަތުރުފުޅަކަށްފަހު އެންމެ ފުރަތަމަ ވިއެޓްނާމަށް ވަޑައިގެންނެވީ ކިމް އެވެ. އޭގެ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ޓްރަމްޕް ވެސް މިހާރު ވަނީ ވިއެޓްނާމުގެ ވެރިރަށް ހަނޯއީއަށް ވަޑައިގެންފަ އެވެ.

ކިމްއާ ބައްދަލުކުރެއްވުމުގެ ކުރިން، ވިއެޓްނާމުގެ ރައީސާއި ބޮޑު ވަޒީރާއި ޓްރަމްޕް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކިމް އާއެކު ޓްރަމްޕް މިރޭގެ ފަރިއްކޮޅު ނަންގަވާނެކަމަށް، ވައިޓް ހައުސްގެ ތަރުޖަމާނު ސޭރާ ސޭންޑާސް ވަނީ ވިދާޅުވެފަ އެވެ. އަދި ދެ ލީޑަރުންގެ ރަސްމީ ބައްދަލުވުން އޮންނާނީ މާދަމާކަމަށް ވެސް ސޭންޑާސް ކުރިން ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.