ހަބަރު

މެލޭގައި އުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކެއް ދޭން އެދިއްޖެ

Feb 27, 2019

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ދިނުމުގައި ލުއިތަކެއް ދިނުމަށް ދިވެހި ސަރުކާރުން އެދިއްޖެ އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ހައިލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގެ ފޮރިން މިނިސްޓަރު ދާތޯ ސައިފުއްދީން ބިން އަބްދުﷲ އާ ބައްދަލުކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ބަައްދަލުވުމުގައި، ދިވެހިންނަށް ވިސާ ދިނުމުގައި މިހާރަށްވުރެ ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް ޝާހިދު އެދިވަޑައިގެންނެވިކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

މެލޭޝިއާއިން ވިސާ ދޫކުރުމުގެ އުސޫލަށް އަމަލު ކުރުން "ހަރުކަށިކޮށްލުމާއެކު" އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށް ގިނަ ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

މެލޭޝިއާގެ އިތުރުން، އިންޑޮނީޝިއާ، މޮރޮކޯ، ޖޯޖިއާ އަޔަލަންޑްގެ އިތުރުން އިޓަލީގެ ފޮރިން މިނިސްޓަރުންނާއި ޝާހިދު އިއްޔެ ބައްދަލުކުރައްވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުންތަކުގައި، އެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.