މުހައްމަދު މަބްރޫކް އަޒީޒް

ލަންކާއާ މެލޭގައި ކިޔަވާ ދަރިވަރުން ފޮނުވޭނެ ގޮތް ހޯދަނީ

ސްރީލަންކާ އަދި މެލޭޝިޔާގައި ކިޔަވަމުން ދާ ދަރިވަރުންގެ ތެރެއިން މި ވަގުތު ރާއްޖޭގައި ތިބި ދަރިވަރުން އެ ގައުމުތަކަށް ފޮނުވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ވަނީ ރާއްޖެ ގެނެސްދީފަ އެވެ. އެ ދަރިވަރުން ރާއްޖެ ގެނެސްފައި ވަނީ ކޮވިޑްގެ ސަބަބުން ކޮލެޖްތަކާއި ޔުނިވާސިޓީތައް ދިގު މުއްދަތަކަށް ބަންދުކޮށް ގައުމުތައް ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ކުޑަވާން ފެށުމުން ބައެއް ގައުމުތައް ވަނީ އާންމު ހާލަތަށް ގެންނަން ފަށާފަ އެވެ. އެގޮތުން ސުކޫލްތަކާއި، ކޮލެޖް، ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. ސްރީލަންކާ އަދި މެލޭޝިޔާއިން ދަނީ ފެށޭ ހަފުތާގައި ތައުލީމްދޭ ތަންތަނުގެ ކިޔެވުން ފެށުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑްގެ މައުލޫމާތު އާންމު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ސްރީލަންކާ އަދި މެލޭޝިޔާގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން ރާއްޖެ ގެނައި ދަރިވަރުން އެ ގައުމުތަކަށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ދެ ގައުމުން ވެސް ބޯޑަރު ހުޅުވާލާ، ދަތުރުފަތުުރު ފެށުމަށް އަދި މަސްތަކެއް ހޭދަވާނެތީ އޭގެ ކުރިން އެ ދަރިވަރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ސްރީލަންކާ އަދި މެލޭޝިޔާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސޭތޯ ފޮރިން މިނިސްޓްރީން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެ ގައުމުތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންްނަށް ވެސް އަދި އައުމުގެ ހުއްދަ ރަސްމީކޮށް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީލަންކާ އަދި މެލޭޝިޔާ އަކީ ވެސް ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުންދާ ދެ ގައުމެވެ.