ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ގެންދިއުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަނީ ލޯންޑްރިންގެ މައްސަލައިގައި ރައީސް ޔާމީން މިވަގުތު ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި އެވެ.
އެގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. އެގަރާރު ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުންނެވެ.
ގަރާރު ހުށަހެޅި ބޭނުމެއް ކަމުގައި ގަރާރުގައި ބުނެފައި ވަނީ، ރައީސް ޔާމީން ގާނޫނުއަސާސީއާ ހިލާފަށް އިންސާފުން އެއްކިބާވެ ސިޔާސީ ބޭނުމަށްޓަކައި ހައްޔަރުކޮށްފައިވާކަމަށް ގަބޫލު ކުރެވޭތީ އެވެ. އަދި މި މައްސަލައަކީ ސިޔާސީ ނުފޫޒުތަކެއްގެ ތެރެއިން ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން މަދަނީ މައްސަލައެއްގައި ސިޔާސީ ބޭނުމަށްޓަކައި ކޮށްފައިވާ ޖިނާއީ ދައުވާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ގަރާރުގައިވެ އެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ މިހާރު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު ހިފާ ހައްޔަރު ކުރުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ޑިމޮކްޓްރެޓިކް ހަމަތަކާއި އުސޫލްތަކާއި ހިލާފަށް ހިންގާ ނާތަހުޒީބީ އަމަލެއްކަމަށް ދެކޭ ކަމަށް ވެސް ގަރާރުގައިވެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މެދުގައި ރައީސް ޔާމީން އަށް އޮތް ތާއީދު ނެތިކޮއްލުމުގެ ނިޔަތުގައި ހިންގާ ބޮޑު ޖަރީމާއެއް
ކަމުގައި ޔަގީންކުރެވޭތީ އެމަނިކުފާނަށް ތުހުމަތުކޮށް ސިޔާސީ ގޮތުން ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަ އަނބުރާ ގެނެސް މުރާޖާ ކޮށްދެއްވުމަށް ޕްރޮސެކިއުޓަރު ޖެނެރަލަށް އިލްތިމާސް ކުރާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ގަރާރުގައި ވަނީ ރާއްޖޭގެ މިވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރު، ސިޔާސީ ބޭނުމަށްޓަކައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދިފައިވާ ހައްގުތަކުގެ ތެރެއިން 55 ވަނަ މާއްދާގައި ބަޔާންކުރާ، މަދަނީ މައްސަލަތަކުގައި ބަންދުނު ކުރުން ހިމެނޭ މާއްދާއާ މުޅިން ހިލާފަށް ކަމަށެވެ. އަދި ތުހުމަތު ކޮށްފައިވާ މުއާމަލާތް ހިނގާފައިވާ ތާރީހުގެ ކުރިން، އެސްއޯއެފް ކުންފުނިން ދައުލަތުގެ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައިވާކަމަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައިވާ ނުވާ ކަމަށްވެސް ގަރާރުގައި ވެއެވެ.
ހެއްކަށް ނުފޫޒް ފޯރުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަކީ ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި 96،000 އަށްވުރެ ގިނަ ރައްޔިތުންގެ ތާއިދު އޮތް ލީޑަރުގެ އަބުރު ނަގާލުމަށާއި ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް އަސާސްކަމުގައިވާ ސަރުކާރާއި އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވާލުން ކަމަށެވެ. އަދި ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒް ފޯރުވައި، ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިންތިހާބުގައި ކެމްޕޭންގެ ފުރުސަތު ނަގާލުމަށް ހިންގާ ޑިމޮކްރަސީއާ ބީރަށްޓެހި ނާތަހުޒީބީ އަމަލެއް ކަމަށްވެސް ގަރާރުގައި ވެއެވެ.
"ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ސިޔާސީ ގޮތުން ދައުވާ ކުރަންފޮނުވާފައިވާ މައްސަލަ އަނބުރާގެނެސް މުރާޖާ ކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އަށް އިލްތިމާސްކޮށް، މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ގަރާރެއް،" އެގަރާރުގައި ވެއެވެ.
އެމައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްދިނުމަށް ޕީޕީއެމްގެ ފަރާތުން ވަނީ ހުށަޅާފަ އެވެ. ނަމަވެސް އެމައްސަލައަކީ ޝަރީއަތުގައި މިހާރުވެސް ކުރިއަށްދާ މައްސަލައެއް ކަމަށްބުނެ ކޮމިޓީތަކަށް އެދެބޭފުޅުން ހާޒިރުކޮށްފައެއް ނުވެ އެވެ.