މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާ ކުރެއްވި ގޮތް އިތުރަށް ބެލަންދެއް އެ ބިލު ފާސް ކުރުން މަޑު ޖައްސާލަން މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި ވެސް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ކޮމިޓީ ރިޕޯޓުގައި އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމެވި ގޮތަކަށް ނޫން ކަމަށް ބުނެ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރަކު ސޮއި ކުރައްވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެހެންކަމުން އެޖެންޑާ އިން އެ މައްސަލަ ނަން ނިންމާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެ މައްސަލަ އަލުން ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަޅުގަނޑު ދަންނަވާލަން، އެކަން ނިމިގެން އައިމަ އެ މައްސަލަ އެޖަންޑާކޮށްގެން އެކަން އަލުން ކުރިޔަށް ގެންދާނެ ވާހަކަ ދަންނަވާލަން، އެއީ މަޖިލީހުގެ ގަވައިދުގެ 216 ވަނަ މާއްދާގެ ހ ގައިވާ ގޮތުގެ މަތިން އަޅުގަނޑު އެކަން މި ކުރީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވަމުން ގެންދެވި އިރު މިނިވަން މުއައްސަސާތަކުގެ ކޮމީޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދިޔައީ މަޖިލީހުގެ ތަޅުމުގައި އެއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަަދި ރިޔާސަތުން އެކަން އިއުލާން ކުރެއްވި އިރު އެ ހައްދަވަނީ ދޮގު ކަމަށް ރޮޒެއިނާ ވިދާޅުވަމުން ގެންދެވި އެވެ.
ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދާ ގުޅިފައިވާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފުރަތަމަ ހުށަހެޅީ ކުރީ އަހަރުގެ ފަހު ދައުރުގަ އެވެ. އޭރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގެ އަތުގަ އެވެ. ނަމަވެސް އެ ފާސް ކުރުމަށް މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވަ އެވެ.
އޭގެ ފަހުން މި ދައުރުގައި ބޭއްވި ތިން ޖަލްސާގައި ވެސް އެ ބިލު ފާސް ކުރަން ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ޖަލްސާއެއްގައި ބިލަށް ވޯޓަށް އަހާ ހިސާބުން ކޯރަމް ހަމަ ނުވުމާ ގުޅިގެން އެކަން ވަނީ ނާކާމިޔާބުވެފަ އެވެ.