ހަބަރު

މައުމޫންގެ ކެނޑިޑޭޓުން ލޯންޗުކުރާ ޖަލްސާއަށް ރައީސާއި ލީޑަރުންނަށް ދައުވަތު ދީފި

އަންނަ އެޕްރީމް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއިދާއެކު މަޖިލީހަށް ވާދަ ކުރައްވާ ކެނޑިޑޭޓުން ލޯންޗުުކުރުމަށް ބާއްވާ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވައިފި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން އެންދެރިމާގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ސްޕޯކްްޕާސަން ތަޒްމީލް އަބުދުއްސަމަދު ވިދާޅުވީ، އަންނަ މަހުގެ 6 ވަނަދުވަހުގެ ރޭ ރަސްމީކޮށް، ރައީސް މައުމުންގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތައާރަފްކުރުމަށާއި، ރައީސް މައުމޫންގެ ތާއިދު އެ ކެނޑިޑޭޓުންނަށް އޮތްކަން އެންގުމަށް އަރުވާ ހާއްސަ ސިޓީއެއް އެރުވުމަށްޓަަކައި ޖަލްސާއެއް ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.

އެޖަލްސާގައި މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ރައީސް މައުމޫން ދެއްވަންބޭނުންފުޅުވާ މެސެޖްތައްވެސް ދެއްވާނެ ކަމަށާއި، އެ ޖަލްސާއަށް ރައީސް ސޯލިހުއާއި، ނައިބް ރައީސް ފައިސަލް ނަސީމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާނަށް ދައުވަތު ދެއްވާފައިވާކަމަށެވެ.

އެމެއާރުއެމްގެ ޓީމުތައް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވަރަށް ގަދައަށް ޖައްސަމުން ދާ ކަމަށާާއި، ބައެެއް ކެނޑިޑޭޓުންނަށް އޮތް ތާއިދު ފެނި އުމްމީދީ މަންޒަރުތަކެއް ފެންނަމުންދާ ކަމަށް ތަޒުމީލް ވަނީ ވިދާޅުވެފަ އެވެ. އަދި މަޖިލީހުގައި ރައީސް މައުމޫންގެ ވިސްނުމާއެކު މަސައްކަތްކޮށް، މަޖިލީހުގައި އެމަނިކުފާނު ތަމްސީލު ކުރާނެ ގިނަ މެމްބަރުންތަކެއް ތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތްވެސް، ބޭނުންވާ އަވަސް މިނުގައި ކުރިޔަށް ނުގެންދެވުނު ނަމަވެސް އެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއާރުއެމްއަށް ވަނުމަށް ވަރަށް ގިނަ ފަރާތްތަކުން ފޯމް ފުރަމުންދާކަން ތަޒުމީލް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ ފޯމްތައް ވަރަށް ވަރުގަދައަށް ވެރިފައިކޮށްފައި ނޫނީ ހުށަނާޅާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.